10 Nov 2015, 14:02
ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމަށް ޑރ. ހާލާ ހަމީދު އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީީފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާލާއަށް މަޖިލީހުގެ ރުހުން ދެއްވާފައި ވަނީ ވޯޓުލުމަށް ހާޒިރުވެ ތިއްބެވި 68 މެމްބަރުންގެ އިއްތިފާހުންނެވެ.
ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވެވި ޑރ. ހާލާ ހަމީދު ފަހުން ޕޮލިސް އިންޓަގްރެޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި މަސައްކަތް ކުރެއްވުމަށް ފަހު 2013 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އެއަށް ފަހު ޑރ. ހާލާ މަސައްކަތް ކުރައްވާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު ހާލާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ރައީސް ޔާމީން މިދިޔަ މަހު ފަހުކޮޅު ވަނީ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ޑރ. ހާލާ ބަދަލުކުރައްވާފަ އެވެ.