ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އާދަމް ޝަރީފް އުމަރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެ ދެ ބޭފުޅުން ރުހުން ދިނުމަށް ކޮމިޓީ އިން ދިރާސާކުރުމަށް ފާސްކޮށްފައި ވަނީ ރޭގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރަށް ރުހުން ދެއްވާފައި ވަނީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން ވޯޓުލީ 68 މެމްބަރުންގެ ތެރެއިން 66 މެމްބަރުން ވަނީ ރުހުން ދިނުމަށް ވޯޓުދީފަ އެވެ.

ޓުއަރިޒަމް މިނިސްޓަރަށް ރުހުން ދެއްވާފައި ވަނީ ވޯޓުލީ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ދެ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުން މިނިސްޓަރުންގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ޒަމީރަކީ ރައީސް ޔާމިން ޕީއޭ ހިންގެވި އިރު އެޕާޓީގެ ޑެޕިއުޓީ ލީޑަރެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ޒަމީރު އައްޔަން ކުރެއްވި އިރު ނައިބު ރައީސް ކަމަށް އަހުމަދު އަދީބު މިދިޔަ ޖުލައި 22ގައި އައްޔަން ކުރެއްވުމާ އެކު އެ މިނިސްޓްރީގައި މިނިސްޓަރަކު ނެތެވެ. އޭގެ ފަހުން މިނިސްޓްރީ ހިންގެވުން ހަވާލުކުރެއްވީ އަދީބާ އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމުން އެ މިނިސްޓްރީ ހިންގެވުން ހަވާލުކުރެއްވީ އެންވާރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމާއެވެ.

އާދަމް ޝަރީފު ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ކުރިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރީފު މީގެ ކުރިން މުޅިންވެސް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ މަގާމުތަކުގަ އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީ ޖަލީލު މިދިޔަ އޮކްޓޯބަރު 14 ގައި މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މޫސާ އަލީ ޖަލީލް މަގާމުން ވަކި ކުރެއްވީ ރިޔާސީ ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާއާ ސީދާ ގުޅުމެއް އޮވެގެނެއް ނޫން ކަމަށެވެ.