ހުޅުލެއާ މާލެއާ ދެމެދު އަޅާ ބުރިޖްގެ މަޝްރޫއު ކުރިއަށް ގެންދަން ކުންފުނިތަކުން ހުށަހެޅި ބީލަންތައް މިއަދު ހުޅުވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެކަން ހާމަ ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގަ އެވެ.

ބުރިޖް އެޅުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ އާދީއްތަ ދުވަހު ވިދާޅުވެފަ އެވެ.

ބުރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާދީއްތަދުވަހު ވިދާޅުވީ ބުރިޖުއަޅާނެ ކޮންޓެކްޓަރެއް ކަނޑައުޅުމަށް އަންގާރަ ދުވަހު ދުވަހު ބިޑް ހުޅުވުން ޗައިނާގައި ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު އަންނަ ހޮނިހިރު ދުވަހު ބުރިޖު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

"ބިޑް އެވޯޑް ކުރުން މިމަހު 14 ވަނަ ދުވަހު ޗައިނާގައި އޮންނާނެ، މިހުރިހާ ކަމެއް ވިޓްނަސް ކުރުމާއި އޭގައި ބައިވެރިވުމަށް އަޅުގަނޑުމެންގެ ޓީމް ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިރޭ މިފުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

ބުރިޖުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށިގެންދާނެ ކަމަށާއި އެކަމަށް ދިވެހި ސަރުކާރުން ވާން ޖެހޭ ތައްޔާރީތައް ވަނީ ނިމިފައި ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ބުރިޖަށް ދިވެހި ސަރުކާރުން ކުރަން ޖެހޭ ހަރަދުގެ އަދަދު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާގެ ސަފީރު ވާން ފޫކާން ވިދާޅުވީ ޗައިނާގެ ފަރާތުން ފައިނޭންސިން ސަޕޯޓް ދިނުމަށް ނިންމާފައިވާ އިރު ޗައިނާގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށެވެ. ޗައިނާއާއި ރާއްޖޭގެ ރަހުމަތްތެރިކަން ދައްކުވައިދޭ އެބުރިޖުގެ އަމަލީ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ބުރިޖުގެ މަސައްކަތްތައް ފެށުމަށް ޓަކައި ހަދަން ޖެހޭ ދިރާސާތައް މިހާރު ވަނީ ހަދައިނިމިފަ އެވެ. އެއަށް ފަހު އެ ބުރިޖު އޮންނާނެ ގޮތުގެ ކުރެހުމެއް ވެސް ދާދިފަހަކުން ވަނީ ދައްކާލައިފަ އެވެ.