10 Nov 2015, 13:31
ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވައްދައިފި އެވެ.
ނަން ހާމަ ކުރުމަށް އުޒުރުވެރިވެ، ސަންއާ ވާހަކަ ދެއްކެވި ޕީޕީއެމްގެ މެމްބަރަކު މިއަދު ވިދާޅުވީ އެ މައްސަލަ މިހާރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވާފައި އަދި އެ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށެވެ.
ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ދޭއް ޖަހާއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ތާވަލު ކޮށްފަ އެވެ.
ޕީޖީ މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެހެންނަމަވެސް ޕީޖީ މުހުތާޒު ރޭ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.
ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް މިއަދު ވައްދާފައިވާ އިރު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް ޕީޖީ މުހުތާޒު އެކަން ވެސް ވަނީ ދޮގު ކުރައްވާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޕީޖީ މުހުތާޒު ވިދާޅުވީ އޭނާ އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގެން ކަމަށާއި އޭނާގެ މަގާމާ މެދު ގޮތެއް ނިންމަވާނީ ވެސް ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.