10 Nov 2015, 15:37
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިންކަމުގެ ކުށުުގެ ދައުވާ ތ. ތިމަރަފުށީ ކައުންސިލްގެ ކުރީގެ ރައީސް މައްޗަށް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވާގޮތުން، ތ. ތިމަރަފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް މި ދައުވާ ކުރުމަށް އެ ކޮމިޝަނުން ނިންމީ ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ބެހޭ ސެޓްފިކެޓުގެ މުއްދަތު ހަމަވުމުން ނަގަން ޖެހޭ ޖޫރުމިނާ ފައިސާ ނެގުމަކާއި ނުލައި، ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ދެ ދޯންޏެއްގެ ސަލާމަތާއި ބެހޭ ސެޓްފިކެޓް ހަދައިދީފައިވާތީ އެވެ.
އަދި އެ ދެ ދޯނީގެ ސަލާމަތާ ބެހޭ ސެޓްފިކެޓް ހަދައިދީފައިވަނީ، އެ ހެއްދުމަށް ތިމަރަފުށީ ކައުންސިލްގެ އިދާރާއަށް ހުށައަޅާފައި ނުވަނީސް ކަމަށާއި، އެ ދެ އުޅަނދުގެ ސަލާމަތާއި ބެހޭ ސެޓްފިކެޓް ހެއްދުމަށް އެ އިދާރާއަށް ހުށައަޅާފައިވާކަމުގެ ލިޔުމެއް އެއިދާރާގެ ރައީސް ސޮއިކޮށް ދޫކޮށްފައިވާކަން ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދި އެ ދެ ދޯނީގެ ސަލާމަތާއި ބެހޭ ސެޓްފިކެޓް އެ ކައުންސިލުން ހަދައި ދިން އިރު، އެތަނުން އެއް ދޯނި ރަށުގައިވެސް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ހަމައެއާއެކު، ކަނޑުދަތުރު ފަތުރު ކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ސެޓްފިކެޓް ކޮޅުމަޑުލު ކައުންސިލް އިދާރާއިން އެ އަތޮޅު ތިމަރަފުށީ ކައުންސިލް އިދާރާއަށް ހަވާލުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހު ކަމުގައި ވީނަމަވެސް، އެ ތާރީޚުގެ ކުރިން 2012 ވަނަ އަހަރު ތެރޭގައި ތިމަރަފުށީ ކައުންސިލުން އެ ދެ ދޯނީގެ ސަލާމަތާއި ބެހޭ ސެޓްފިކެޓް ހަދައިދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެގޮތުން ތިމަރަފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ދައުވާ ކުރަން ނިންމީ، އެންޓި ކޮރަޕްޝަން ކޮމިޝަން ޤާނޫނުގެ، ޤާނޫނު ނަންބަރު 2008/13 ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ޤާނޫނު ނަންބަރު 2000/2 ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ ކަމަށްވެސް އެބަޔާނުގައި ވެއެވެ.
އަދި އެބަޔާނުގައި ވާގޮތުން، މަގާމުގެ ބޭނުންކޮށްގެން ހިންގި މި އަމަލުގެ ސަބަބުން ދައުލަތަށްވެސް ގެއްލުން ވެފައިވާ ކަމަށާއި، ދައުލަތަށް ގެއްލުންވެފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްވެސް ޕީޖީ އޮފީހަށް މައްސަލަ ހުށައަޅާފައި ވާނެއެވެ.