10 Nov 2015, 15:34
ރ. ދުވާފަރުގައި އިމާރާތްކޮށްފައިވާ ސިއްހީ މަރުކަޒު ނިންމުމުގެ މަސައްކަތާއި ދެ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަރާމާތު ކުރުމަށް ހަމަޖައްސާފައިވަނީ ލ. މާބަދޫ ސިއްހީ މަރުކަޒާއި ތ. ހިރިލަންދޫ ސިއްހީ މަރުކަޒެވެ.
ސަރުކާރުގެ ފަރާތުން އެ މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އިރުތިޝަމް އާދަމް އެވެ.
ދުވާފަރު ސިއްހީ މަރުކަޒުގެ ކުރަން ޖެހޭ މަސައްކަތްތައް ކޮށް އާ އިމާރާތުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލަވަރު މޯލްޑިވްސް އާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ޝިފާން އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން ދުވާފަރު ސިއްހީ މަރުކަޒުގައި އާ އިމާރާތެއް އަޅާނެ ކަމަށެވެ. އެގޮތުން އިމާރާތެއް އަޅާ އިރު އެ އިމާރާތުގެ ފައުންޑޭޝަނާއި ރޭނުމާއި ސިމެންތި ޖެހުން ފަދަ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.
އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި ލެބޯރަޓަރީއަކާއި ޑްރެސިން ރޫމަކާއި ލޯންޑްރީ ވޯޑެއްގެ އިތުރުން ސްޓޯރެއް ހުންނާނެއެވެ.
އެ ޕްރޮޖެކްޓަށް ޖުމްލަ 2.13 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ހިރިލަންދޫ އާއި މާބައިދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރަނީ--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މާބައިދޫ ސިއްހީ މަރުކަޒާއި ހިރިލަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލައުޒާން އިންޖިނިއަރިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
މިނިސްޓަރު އިރުތިޝަމް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ދެ ހޮސްޕިޓަލުގައި މަރާމަތް ކުރަން ޖެހޭ ކަންތައްތައް ކުރާނެ ކަމަށެވެ. އޭގެތެރޭގައި ދޮރާއި ދޮރުފަތް އާކުރުމާއި ސީލިން ރަނގަޅު ކުރުމާއި ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުން ހިމެނެއެވެ.
މާބައިދޫ ސިއްހީ މަރުކަޒު މަރާމަތު ކުރުމަށް 695،369 ރުފިޔާ ހަރަދުވާނެއެވެ. އަދި ހިރިލަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް 667،351 ރުފިޔާ ހަރަދު ވާނެ އެވެ.