10 Nov 2015, 16:42
ރިޔާދު (ނޮވެމްބަރ 10) : ސައުދީ އަރަބިއާގެ އަލް ގާތިފް ސަރަހައްދަށް އިއްޔެ ދިން ބަޑީގެ ހަމަލާ އެއްގެ ސަބަބަން ފުލުހަކަށާއި އިންޑިއާގެ ދެ ރައްޔިތަކު ޒަހަމް ވެއްޖެ އެވެ.
ހަމަލާ ދިނީ ކޮން ބައެއް ކަން އަދި ޔަގީނެއް ނުކުރެވެ އެވެ.
ސައުދީ އަރަބިއާގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު މޭޖާ ޖެނެރަލް މަންސޫރު އަލް ތުރުކީ ވިދާޅުވި ގޮތުގައި ހަމަލާ ދީފައި ވަނީ އަލް ގާތިފްގެ ޚުވައިލިދިއްޔާ ޑިސްޓްރިކްޓްގެ ސަލާމަތީ ހާލަތު ބެލުމަށް ފުލުހުން ހަރަކާތްތެރި ވަމުން ދަނިކޮށެވެ. އަދި އިންޑިއާ މީހުން ޒަހަމްވީ އެ ސަރަހައްދު ހުރަސްކޮށްފައި ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނިޔާވި މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަލް ގާތިފް އަކީ ގިނަ އަދަދެއްގެ ޝީޢީން ދިރިއުޅޭ ސަރަހައްދެކެވެ. މިދިޔަ މަހު އަލް ގާތިފްގެ ޝީޢީ މިސްކިތަކަށް ދިން ހަމަލާއެއްގެ ސަބަބުން ފަސް މީހުން ވަނީ މަރުވެފަ އެވެ. އަދި އެ ހަމަލާގައި ނުވަ މީހުން ޒަހަމްވި އެވެ. އެ ހަމަލާގެ ޒިންމާ ނެގީ އިސްލާމިކް ސްޓޭޓުގެ އާ ގޮތްޕެއް ކަމަށްވާ ބަހްރެއިން ޕުރޮވިންސް ނަމަކަށް ކިޔާ ގްރޫޕަކުންނެވެ.
މައުލޫމާތު:އޭޕީ