10 Nov 2015, 13:15
ސައުދީ ސަރުކާރުން ރާއްޖޭގައި ސްކޫލުތަކެއް އަޅައިދިނުމަށް ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ޕްލޭންތައް ސައުދީ ސަރުކާރަށް ހުށަހެޅުއްވުމަށް އެދިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓުރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު މިއަދު "ސަން" އަށް ވިދާޅުވީ އެކަން އިއުލާން ކުރެއްވީ ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރް އަލީ އަހްމަދު އަލްކަހައިލާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމުއާ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމެއްގައި ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ސްކޫލުތަކެއް އަޅައިދެއްވުމަށް ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑު އެކަކުން ތިނަކަށް އަރަބި ބަސް ކިޔަވައިދެމުން ގެންދާ ކަމަށާއި އެހެންކަމުން އެކަމަށް ބޭނުންވާ ޓީޗަރުންނާއި އަރަބި ކިޔެވުމަށް ބޭނުންވާ ފޮތްތައް ރާއްޖެ ފޮނުއްވައިދެއްވާނެ ކަމަށް ސައުދީ ސަފީރު ވިދާޅުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖޭގައި އަޅައިދެއްވަނީ ކިތައް ސްކޫލު ކަމެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެކަންކަމަށް ބޭނުންވާ ޕްލޭނުތައް ހަދަމުން ކަމަށް ނަޒީރު ވިދާޅުވި އެވެ.
"މިހާރު ސަރުކާރުގެ މެނިފެސްޓޯގައި އޮތީ މާލެ ފިޔަވައި ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބިކު މީޑިއަމްގެ ދެ ސްކޫލު ގާއިމުކުރަން. އޭގެތެރޭގެ އެއް ސްކޫލު މިހާރު އެދަނީ ހުޅުވިގެން މިހާރު ހިނގަމުން އައްޑު އަތޮޅު ހިތަދޫގައި. ދެން 2016 ވަނަ އަހަރުގައި އެއީ އަންނަ އަހަރު ދެއްތޯ ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ ސްކޫލުގެ ޕްލޭނުތައް ނިމި އިރާދަކުރެއްވިއްޔާ އަންނަ އަހަރު އެކަމުގެ މަސައްކަތް ފެށިގެން ދާނެ،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ މާލެއާ އެއް ފެންވަރުގެ ސުކޫލުތަކެއް ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ހުންނަން އެބަ ޖެހޭ ކަމަށެވެ. ނަޒީރު ވިދާޅުވީ އެންމެ ބާރު ސްޕީޑެއްގައި ތަރައްގީވަމުން އަންނަ އެއްތަނަކީ ހުޅުމާލެ ކަމަށާއި އެހެންކަމުން އެތަނުގައި ވެސް އަރަބި ސްކޫލެއް ގާއިމު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމުއާ ސައުދީ ސަފީރާ ދެބޭފުޅުން އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ސައުދީ ސަރުކާރުގެ އެހީގައި ދިވެހި 150 ދަރިވަރަކަށް ދެއްވާފައިވާ ސްކޮލާޝިޕްގެ ކަންތައްތައް އަވަސްކޮށްދިނުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.