ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އެހީތެރިކަމާއި ލަފާ ބޭނުންވާ ހާލަތްތަކުގައި، އެކަމަށް އެދި ކައުންސިލްތަކުން ހުށަހަޅުއްވަންޖެހޭނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއް ހިމެނޭ ސަރަޙައްދުގައި ގާއިމުކުރެވިފައިވާ ގައުމީ އިދާރާއަށް ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އިންތިޚާބުވެފައިވާ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ކުރާ މަސައްކަތްތަކާއި ދޭ ޚިދްމަތްތަކާގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި ލަފާ ބޭނުންވާ ހާލަތްތަކުގައި، އެކަމަށް އެދި ލޯކަލް ކައުންސިލްތަކުން ހުށަހަޅުއްވާނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއް ހިމެނޭ ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާއަށް ނުވަތަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގައި ޤާއިމުކުރެވިފައިވާ ޤައުމީ އިދާރާގެ ޔުނިޓަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،" ރައީސް އޮފީހުން މިރޭ ނެރުނު ދެންނެވުމެއްގައި ވެއެވެ.

އެ ދެންނެވުމުގައި ބުނަނީ، ސަރުކާރުގެ އިދާރާތަކުން ރަށު ކައުންސިލްތައް ނުވަތަ އަތޮޅު ކައުންސިލްތައް މެދުވެރިކޮށްގެން މަސައްކަތެއް ހިންގުމަށާއި ހިދުމަތެއްދިނުމަށާއި އަދި މައުލޫމާތެއް ހޯދުމަށް ބޭނުންވެއްޖެނަމަ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއް ހިމެނޭ ސަރަޙައްދުގައި ގާއިމުކޮށްފައި ހުންނަ ގައުމީ އިދާރާ ނުވަތަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގައި ގާއިމުކޮށްފައި ހުންނަ އެ އިދާރާގެ ޔުނިޓަށް މެދުވެރިކޮށްގެން އެކަންކަމާބެހޭ މުއާމަލާތް ހިންގެވުމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

"މިގޮތަށް ހަމަޖެއްސެވީ، އިދާރީ ދާއިރާތައް ހިމެނޭ ސަރަޙައްދުތަކުގައި ގާއިމުކުރައްވާފައިވާ ގައުމީ އިދާރާތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރައްވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން އިދާރީ ދާއިރާތައް ހިންގަމުންދާއިރު ސަރުކާރުގެ ސިޔާސަތުތައް ކޯޑިނޭޓްކޮށް އެއް މިސްރާބަކަށް ހިންގެވުމަށްޓަކައި" ކަމަށް ވެސް ރައީސްއާ ހަވާލާދެއްވާ އެ ދެންނެވުމުގައި ބުނެފައި ވެއެވެ.