ކަތުމަންޑޫ،ނޭޕާލް. އޭޕީ) ނޭޕާލްގެ އެއާލައިންތަކުން އެގައުމުގެ އެތެރޭގައި ކުރާ ދަތުރުތަކުގެ ދެބައިކުޅަ އެއްބައި، ތެލުގެ ދަތިކަމުގެ ސަބަބުން ހުއްޓާލައިފި އެވެ.

ކަތުމަންޑޫ އެއާޕޯޓްގެ މެނޭޖަރު އުޓްސާވް ރާޖް ޚަރެލް ވިދާޅުވީ އެދެރޭގެ އުދުހުންތަކުގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައި އާދީއްތަ ދުވަހު ކެންސަލްކޮށްފައިވާ ކަމަށާއި އުދުހުންތަކުގެ ދެބައިކުޅަ އެއްބައި އިއްޔެ ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައިނަލް އަގުވާމީ ވައިގެ ދަތުރުތައް ނޭޕާލަށް ގަވައިދުން ކުރަމުން އަންނަ ކަމަށާއި އެއީ ނޭޕާލަށް ދަތުރުކުރުމުގެ ކުރިން މަތިންދާބޯޓްތަކަށް ތެޔޮ އެޅުމަށް އެއާލައިންތަކުގައި އެދިފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެތެރޭގެ ވައިގެ ދަތުރުތައް ކެންސަލް ކުރުމުގެ ސަބަބުން ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއާއި އެހެނިހެން ބައެއް ސިޓީތަކުގައި ގިނަ އަދަދެއްގެ ދަތުރުވެރިން ވިއްސިވިހާލިވެފައި އެބަ ތިއްބެވެ. ނޭޕާލްގައި އެތެރޭގައި ކުރާ ވައިގެ ދަތުރުތަކުގައި ދުވާލަކު 2000 އަށް ވުރެ ގިނަ ދަތުރުވެރިން ކަތުމަންޑޫއަށްދެ އެވެ.

އިންޑިއާގެ ތާއީދާއި މަދަދު ލިބިފައިވާ މަދޭސީ ދަރިކޮޅުގެ މީހުން ނޭޕާލްގެ އާ ގާނޫނު އަސާސީއާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެގައުމާއި އިންޑިއާއާ ދެމެދު އޮންނަ މަގުތަކެއް ބަންދުކޮށްގެން އުޅޭތާ ހަފުތާތަކެއް ވެއްޖެ އެވެ. މަދޭސީންނަށް ތާއީދުކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވެސް ވަނީ ނޭޕާލަށް ތެޔޮ ސަޕްލައިކުރުމުގައި ހުރަސްތައް ކުރިމަތިކޮށްފަ އެވެ.