ވޯލްޑްކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހު ރާއްޖެއާއި ހޮންކޮންގ ބައްދަލު ކުރާ މެޗްގެ ޓިކެޓް އިއްޔެ ސޯސަލް ސެންޓަރުން ވިއްކުމަށްފަހު މިއަދު މެންދުރު 12:00 އިން ފެށިގެން ގައުމީ ފުޓްބޯޅަ ދަނޑުން ޓިކެޓް ވިއްކާ ގޮތަށް އެފްއޭއެމް އިން ހަމަޖައްސައިފި އެވެ.

އާންމު ގޮތެއްގައި މެޗްތަކުގެ ޓިކެޓް ދަނޑުން ވިއްކަމުން އައި ކަމުގައިވީ ނަމަވެސް އިއްޔެ އެފްއޭއެމް އިން ވަނީ ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރަށް ޓިކެޓްވިއްކުން ބަދަލުކޮށްފައެވެ. އިއްޔެ ސިޑިބަރީގެ ޓިކެޓް އެކަނި ވިއްކި ނަމަވެސް މިއަދުން ފެށިގެން ރަސްމީ ބޯޅަ ދަނޑުން ގޮނޑިބަރީގެ ޓިކެޓްވެސް ލިބޭނެއެވެ.

ސިޑިބަރިން 50ރ. އަށް ޓިކެޓް ވިއްކަމުންދާ އިރު އިއްޔެ ވަނީ 800 އަށް ވުރެ ގިނަ ޓިކެޓް ވިކިފައެވެ. އަދި ގޮނޑިބަރިން 100ރ. އާއި 150ރ. އަށް ޓިކެޓް ލިބޭނެއެވެ. ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ކޮންޓްރޯލް ކޮށްގެން ކަމަށާއި މީހަކަށް ގިނަވެގެން ވިއްކޭނީ ފަސް ޓިކެޓް ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއިން ފަސް މެޗު މިހާތަނަށް ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ހޮންކޮންގާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން މާލޭގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު ރާއްޖެ އޮތްއިރު، މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ގަތަރެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު ހޮންކޮންގް އޮތް އިރު، ތިންވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޫޓާން އެވެ.

ބުރާސްފަތި ދުވަހު ހަވީރު 15:50 ގައި ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ އެ މެޗައް ހޮންކޮންގެ ގައުމީ ޓީމް ވަނީ ރޭ މާލެ އައިސްފައެވެ.