އިމާރާތް ކުރުމުގެ ހުއްދަ ހޯދާތާ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިމާރާތް ނުކޮށްފި ނަމަ އެ ހުއްދަ ބާތިލުވާ ގޮތަށް މާލެ ޕްލޭނިން ގަވާއިދު އެކުލަވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުކޮށްފައިވާ މާލެ ޕްލޭނިން ގަވާއިދުގައި ބުނެފައިވާ ގޮތުގައި އިމާރާތް ކުރުމުގެ ހުއްދަ، އާ ކުރެވޭނީ ގިނަވެގެން ހަތަރު އަހަރު ދުވަސް ވެފައިނުވާ "އިމާރާތުގެ ކުރެހުން ފާސްކުރި ކަމުގެ ލިޔުން" އާއެކު "އިމާރާތް ކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުން" ހައުސިން މިނިސްޓްރީގައި ރަޖިސްޓުރީ ކުރުމަށްފަހު އެ ލިޔުންތައް އެ މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށެވެ.

ގަވާއިދުގައި ބުނެފައި ވަނީ އިމާރާތެއް ކުރުމަށް ނުވަތަ އެނޫން އެހެން އެއްވެސް ބޭނުމަކަށްޓަކައި އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ތަޅާލަންވާނީ ހައުސިން މިނިސްޓްރީގެ ހުއްދައެއް ހޯދުމަށްފަހު ކަމަށެވެ. އަދި އެގޮތަށް ގެއެއް ތަޅާލާ ކަމަށްވާނަމަ އެ ގެއާ އިންވެގެންވާ ގޯއްޗަށް ނުވަތަ އިމާރާތަށްވާ ގެއްލުމުގެ ޒިންމާ، އިމާރާތް ތަޅާލުމުގެ ހުއްދަ ހޯދާ ފަރާތުން ނަގަންވާނެ ކަމަށް ވެސް މާލެ ޕުލޭނިން ގަވާއިދުގައި ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީން އަލަށް އެކުލަވާލި ޕްލޭނިން ގަވާއިދުގައި ބުނެފައި ވަނީ އިމާރާތުގެ އުސްމިން ކަމަށް ބެލެވޭނީ އެ އިމާރާތުގެ އެންމެ މަތީގައި ފުރާޅެއްލާނަމަ ދުވާރުން ފެށިގެން ރޫފްބީމްގެ މަތީކައިރިއާ ހަމައަށް ކަމަށެވެ. ނުވަތަ އިމާރާތުގެ އެންމެ މަތީގައި ޓެރެހެއް ހަދާނަމަ ދުވާރުން ފެށިގެން ޓެރެސް ސްލެބް ނުވަތަ ޑެކްގެ މަތީ ކައިރިއާ ހަމައަށް ކަމަށެވެ.

އިމާރާތެއް ހެދޭނެ އެންމެ އުސްމިން ކަނޑައެޅުމުގައި ބެލޭނީ އެ އިމާރާތެއްގެ ފުޓް ޕްރިންޓަށާއި ފުޅާ މިނަށާއި އެ އިމާރާތަކަށް ވަދެ ނުކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާ މިނަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ބުނެފައި ވަނީ މާލޭގައި 60 މީޓަރާ ހަމައަށް އުސްކޮށް އިމާރާތްކުރުމުގެ އެއް ބޭނުމަކީ ކުރެވޭ އިމާރާތުގެ ވަށައިގެން ހުސްޖާގަ އުފެއްދުން ކަމަށެވެ. އަދި އެއީ މާލެ ފަދަ އިމާރާތްތައް ގިނަ، ބިމުގެ ފުޓު ޕްރިންޓު ނުވަތަ ގޯތި ތެރޭގެ ބިމުގެ ހުސްޖާގަ މަދު ތަންތާނގައި ހުސްޖާގަ އުފެއްދުމަށް އެންމެ ރަނގަޅު އެއްގޮތް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ސާޅިސް ފަސް މީޓަރަށް ވުރެ އުސްކޮށް 60 މީޓަރާ ހަމައަށް އިމާރާތްކުރެވޭނީ އިމާރާތްކުރާ ބިމުގެ ނުވަތަ ގޯތީގެ ބޮޑު މިނުގައި އެންމެ ކުޑަވެގެން 4000 އަކަފޫޓު ހަމަވާ ގޯތިތަކުގައި ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ 4000 އަކަފޫޓު ހަމަވާ ގޯއްޗެއްގައި އެއް އިމާރާތަށް ވުރެ ގިނަ އިމާރާތްވެސް ކުރެވިދާނެ ކަމަށެވެ.

މާލެ ޕުލޭނިން އާ ގަވާއިދުގައި ބުނެފައި ވަނީ ދުވާރުން ފެށިގެން މައްޗަށް 21 މީޓަރާއި ހަމައަށް އިމާރާތުގައި ހުންނަ ބެލްކަނިތައް ޑިޒައިންކޮށް އަދި ހަދާފައި ހުންނަންވާނީ އުސްމިނުގައި ކުޑަވެގެން އެއް މީޓަރު ހުންނަވަރަކަށް ރެއިލިން (ޗެންޗޭނު) ޖަހާ ގޮތަށް ނުވަތަ ފާރު ރާނާ ގޮތަށް ކަމަށެވެ. އަދި 21 މީޓަރުން ފެށިގެން މައްޗަށް އިމާރާތުގައި ބެލްކަނިތައް ޑިޒައިންކޮށް އަދި ހަދާފައި ހުންނަންވާނީ އުސްމިނުގައި ކުޑަވެގެން 1.2 މީޓަރު ހުންނަވަރަކަށް ރެއިލިން (ޗެންޗޭނު) ޖަހާ ގޮތަށް ނުވަތަ ފާރު ރާނާ ގޮތަށް ކަމަށެވެ.

އިމާރާތުގެ ފުޓްޕްރިންޓު އޭރިއާގައި 3000 އަކަފޫޓު ހަމަވެ ނުވަތަ އެއަށްވުރެ ބޮޑުނަމަ އަދި އިމާރާތުގައި ފަސް ބުރި ހަމަވެ ނުވަތަ އެއަށްވުރެ އުސްކޮށް އިމާރާތްކުރާ ނަމަ އިމާރާތުގެ ފުޓްޕްރިންޓުގެ 20 ޕަސެންޓު ޕާކިން އަށް ކަނޑައެޅިފައި އޮންނަންވާނެ ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ. އިމާރާތުގެ ފުޓްޕުރިންޓު އޭރިއާ އަކީ 2000 އަކަފޫޓާއި 3000 އަކަފޫޓާ ދެމެދު ނަމަ އަދި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އުސްމިނަކީ 5 ބުރި ނުވަތަ އެއަށްވުރެ އުސްނަމަ އިމާރާތުގެ ފުޓްޕުރިންޓުގެ 20 ޕަސެންޓު ޕާކިން އަށް ކަނޑައަޅަންވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ހަ ސަތޭކަ އަކަފޫޓު ނުވަތަ އެއަށްވުރެ ކުޑަ އިމާރާތެއް ނަމަ ނުވަތަ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އުސްމިނަކީ ފަސް ބުރި ނުވަތަ އެއަށްވުރެ އުސް އިމާރާތެއް ނަމަ އިމާރަތުގެ ޕުޓްޕުރިންޓުގެ 10 ޕަސެންޓު ޕާކިން އަށް ކަނޑައަޅަންވާނެ ކަމަށް ވެސް މާލެ ޕުލޭނިން ގަވާއިދުގައި ބުނެފައިވެ އެވެ.