މި ދިޔަ މަހު ތައިލެންޑްގެ ޝާހީ އާއިލާ އަށް ފާޑު ކިޔުމުގެ ކުށުގައި އެ ގައުމުގެ އަސްކަރިއްޔާ އިން ހައްޔަރު ކުރި ތިން މީހުން ތެރެއިން އެކަކު ކަމަށްވާ ސުރިޔަން ސުޝަރިޓްޕޮލްވޮން އަސްކަރިއްޔާގެ ހައްޔަރުގައި ހުއްޓާ މަރުވެއްޖެ އެވެ.

ސުޝަރިޓްޕޮލްވޮން އަކީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން މަރުވި ދެ ވަނަ މީހާ އެވެ.

މުސްތަގުބަލް ބުނެދިނުމަށް މަޝްހޫރު ސުރިޔަން ސުޝަރިޓްޕޮލްވޮން ނުވަތަ މޯ ޔޮން ހޮނިހިރު ދުވަހު މަރުވީ، ލޭގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ތައިލެންޑުގެ ޖަސްޓިސް މިނިސްޓްރީން ބުންޏެވެ.

ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ސުޝަރިޓްޕޮލްވޮން ބަލިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ ހޮނިހިރު ދުވަހު އޭނާގެ ގޮޅީގައި ހޭނެތިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔުމުން، އޭގެ ފަހުން ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

ޖަސްޓިސް މިނިސްޓަރު ޕައިބޫން ކުމްޗަޔާ ބުނި ގޮތުގައި އޭނާ މަރުވީ ލޭގެ އިންފެކްޝަނުން ކަމަށް އެނގުނީ ޕޯސްޓު މޯޓަމް ހެދުމުންނެވެ.

ސުޝަރިޓްޕޮލްވޮން އެންމެ ފަހުން އާއްމުންނަށް ފެނިފައިވަނީ އޮކްޓޯބަރ 21ގައި، ޝާހީ އާއިލާއާށް ފާޑު ކިޔުމުގެ ތުހުމަތުގައި ކޯޓަށް ހާޒިރު ކުރުމުންނެވެ. އޭނާ އާއި އެއްކޮށް ހައްޔަރު ކޮށްފައިވަނީ އޭނާގެ އެސިސްޓެންޓާއި ފުލުހެކެވެ.

ރަކްރޮމް ވަރުންޕްރަޕާ ނަމަކަށް ކިޔާ އެ ފުލުސް މީހާ ވަނީ ހައްޔަރު ކުރިތާ ދެ ދުވަސް ފަހުން ދަންޖެހިގެން މަރުވެފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ.

ތައިލެންޑުގެ އަސްކަރީ ސަރުކާރުން ޝާހީ އާއިލާއަށް ފާޑު ކިޔުމުގެ ނަމުގައި ކުރާ ދައުވާ ތަކަކީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރާ ދައުވާތައް ކަމުގައި ފާޑު ކިޔުންތެރިން ވަނީ ބުނެފަ އެވެ.

މައުލޫމާތު:ބީބީސީ