ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އެއްމަސް ދުވަސް ނުވަނީސް އުވާލެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވެފައި ވަނީ، އެގޮތަށް އުއްމީދު ކުރެއްވެނީ ރާއްޖޭގެ ޑިފެންސް އޮފިޝަލުން ދެއްވާ މައުލޫމާތުގެ އަލީގައި ކަމަށެވެ.

"... އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަން އެބަ އޮތް ( ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު) މަސްދުވަހަށް ވުރެ ކުރުވާނެ ކަމުގެ. ޑިފެންސުންނާއި އެހެން ފަރާތްތަކުން ލިބޭ މައުލޫމާތުތަކަށް ބަލާ އިރު އަޅުގަނޑަށް ހީވަނީ މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ ހެން. އަދި ހާލަތު ބަދަލުވާތަން ވަރަށް އަވަހަށް ދުށުމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ދުންޔާ ވިދާޅުވިކަމަށް އޭޕީގެ ހަބަރުގައި ވެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިޔަސް، ރާއްޖެ އޮތީ އާއްމު ހާލަތުގައި ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުރައްކަލެއް ނެތް ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ފޮރިން މިނިސްޓަރު ވަޑައިގެންނެވީ ވިދާޅުވަމުންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާއްމުންގެ ބައެއްގެ އަތުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމުގެ ކަށަވަރު މައުލޫމާތު ލިބިގެން ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.