10 Nov 2015, 13:04
ފަސް ބުރިއަށް ހަދާފައި ހުރި އިމާރާތަކާ އެކު 2000 އަކަފޫޓުގެ ބިމެއް 3.9 މިލިއަން ރުފިޔާ އަށް ވިއްކާލައިފި އެވެ.
މިދިޔަ މަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، ހެންވޭރު މެމޯޝާވިލާ ބައިކޮށް ހަދާފައިވާ، ހެންވޭރު ހައިފާ ސިމްޑީ ކޮމްޕެނީ އަށް 3,972,620.88 ރުފިޔާ އަށް ވިއްކާލާފައިވާ ކަމަށެވެ.
ކުރީގެ މިނިސްޓަރު ހެންވޭރު އެއްގަމުގޭ އަހުމަދު ޝާތިރުގެ ކާފަ ދެ ދަރިކަލުން ކަމުގައިވާ، ހ. ޖެނީން، އަހްމަދު ރާޣިބު ޚަލަފާއި މުހައްމަދު ރާޣިބު ޚަލަފުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 2026.646 އަކަފޫޓުގެ ބިމާއި އެ ބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ މިދިޔަ މަހު 12 ވަނަ ދުވަހު ވިއްކާލާފައިވާ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ސިމްޑީ ކުންފުނިން އެ އަގަށް އެތަން ގަނެ އަގުދުކޮށް އެ ވިޔަފާރީގެ އަގުދައްކައި ނިންމާފައިވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ބިމެއް ވިއްކާލައިފި ނަމަ އެ ބިމެއް ވިއްކި އަގުގެ 15 ޕަސެންޓް ދައުލަތަށް ދައްކަން ޖެހެ އެވެ. ހެންވޭރު ހައިފާ ވިއްކި އަގުން ދައުލަތަށް ލިބޭނީ 595،893.13 ރުފިޔާ އެވެ.
ހައުސިން މިނިސްޓުރީން ކަނޑައަޅާ ވަކި ހާއްސަ އުސޫލެއް ނުވަތަ ގަވާއިދެއްގެ ދަށުން ނޫނީ ބިން ނުވަތަ ގޯތި ނުވިއްކޭ ގޮތަށް ދާދިފަހުން ސަރުކާރުން ވަނީ ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ބިމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް އެ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތަކުން ބިމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން އެ ގޯއްޗެއްގެ ބިން ގަތުމަށް ފަހު އެހެން ފަރާތަކަށް ވިއްކަން ވާނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓުރީން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އާންމުކޮށް ޝާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައެޅޭ އަގަކަށް ކަމަށެވެ.