10 Nov 2015, 12:09
ކޮލަމްބިއާ( ނޮވެމްބަރ 9): ނަސްލީ ތަފާތު ކުރުންތަކާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން އެމެރިކާގެ ޔުނިވާސިޓީ އޮފް މިސޫރީގައި ހަތަރު ވަރަކަށް މަސް ވަންދެން ކުރިއަށް ގެންދިޔަ ހަޅުތާލު ތަކުގެ ސަބަބުން އެ ޔުނިވާސިޓީގެ ރައީސް ޓިމަތީ ވުލްފް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ޔުނިވާސިޓީގެ ރައީސްގެ އިތުރުން ޗާންސެލަރު އާރް ބޮވެން ލޮފްޓިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޔުނިވާސިޓީގެ ރައީސަށް ދަރިވަރުންގެ ފަރާތުން ފާޑު ކިޔުންތައް އަމާޒުވާން ފެށީ ޔުނިވާސިޓީގައި އެކި ފަހަރު މަތިން ހިނގަމުން ދިޔަ ނަސްލީ ތަފާތު ކުރުންތަކުގެ ޝަކުވާ ދަރިވަރުން ކުރުމުން، ރައީސް ވުލްފު އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވުމުންނެވެ.
ޔުނިވާސިޓީ ކެމްޕަސްގައި ހިނގާ ނަސްލީ ތާފާތު ކުރުންތަކަށް އެންމެ ބޮޑަށް ސަމާލުކަން ލިބުނީ މިސޫރީ ސްޓޫޑެންޓުސް އެސޯސިއޭޝަންގެ ކަޅު ނަސްލަށް ނިސްބަތްވާ ރައީސް އޭނާ އަށް ނަސްލީ ގޮތުން ދިމާކުރަމުން ދިޔުމުގެ ވާހަކަ އޭނާގެ ފޭސްބުކުގައި ލިޔުމުންނެވެ. އޭނާގެ އެ ޕޯސްޓަށް އެތައް މިލިއަން ބަޔަކު ތާއިދުކޮށް ވާހަކަ ދެއްކި އެވެ.
އޭގެ ފަހުން އަނެއްކާވެސް ޔުނިވާސިޓީގެ ޔަހޫދީ ދަރިވަރުންގެ ނުރުހުން ރައީސަށް އަމާޒުވީ، ޔުނިވާސިޓީގެ ފާރުގައި 'ސުވަސްޓިކާ' އެއް ކުރެހުމުން އެކަމާ ގުޅިގެން ރައީސް ފިޔަވަޅު ނޭޅުމުގެ ސަބަބުންނެވެ.
އެންމެ ފުރަތަމަ ޔުނިވާސިޓީގައި ހަޅުތާލު ތައް ފެށުނީ އެ ޔުނިވާސިޓީގައި ކިޔަވައިދޭ އެސިސްޓެންޓުންނާއި ރިސާޗް އެސިސްޓެންޓުންނަށް ސިއްހީ އިންޝުއަރެންސް ކަނޑާލުމަށް ޔުނިވާސިޓީން ނިންމުމުން ޔުނިވާސިޓީގެ އެޑްމިނިސްޓުރޭޝަނާއި ދެކޮޅަށެވެ. އެސިސްޓެންޓުންގެ ހަޅުތާލުތަކުގެ ސަބަބުން ޔުނިވާސިޓީން އެ ނިންމުން އަނބުރާ ގެންދިޔަ އެވެ. އޭގެ ފަހުން އެ ހަޅުތާލުގެ ބައިވެރިން ވަނީ ނަސްލީ ތަފާތުތަކާ ދެކޮޅަށް ނިކުތް ދަރިވަރުންނާއި ގުޅިފައެވެ.
މި ދިޔަ ހަފްތާގައި ޔުނިވާސިޓީ ދަރިވަރުންގެ ނުރުހުން ފާޅުކުރުންތަކަށް ގައުމީ ސަމާލުކަން ލިބުނީ ޖޮނަތަން ބަޓްލާ ނަމަކަށް ކިޔާ ދަރިވަރަކު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަން ފެށުމުންނާއި، ރައީސް މަގާމުގައި ހުންނެވި ހާ ހިނދަކު ފުޓުބޯޅަ ނުކުޅޭނެ ކަމަށް މިސޫރީ ޔުނިވާސިޓީގެ ފުޓުބޯޅަ ޓީމުން ބުނުމުންނެވެ.
އޮފިޝަލުން ބުނި ގޮތުގައި ގައުމުގެ އެންމެ މޮޅު ފުޓުބޯޅަ ޓީމުގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ ޓީމުން އެންމެ މެޗެއް ނުކުޅުނު ކަމުގައި ވިޔަސް ޔުނިވާސިޓީ އަށް އެއް މިލިއަން ޑޮލަރުގެ ގެއްލުން ވާނެ އެވެ.
ޔުނިވާސިޓީގެ ރައީސް އާއި ޗާންސެލާގެ އިސްތިއުފާ އަށް ފަހު ޔުނިވާސިޓީގެ ބޯޑު އޮފް ކިއުރޭޓާސް އިން ވަނީ ކުރިއަށް އޮތް ތަނުގައި ނަސްލީ ތަފާތު ކުރުމާ މެދު އަމަލު ކުރާނެ އާ ގޮތްތަށް ތައާރަފް ކޮށްފަ އެވެ. އަދި ނަސްލީ ތަފާތު ކުރުންތަކާ ކުރިމަތި ލާންޖެހޭ ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެހީ ފޯރު ކޮށްދޭނެ ޓާސްކު ފޯހެއްވެސް އުފައްދާފައެވެ.
މިސޫރީ ޔުނިވާސިޓީގެ ރައީސް އިސްތިއުފާ ދެއްވި ކަމުގެ ހަބަރު ލިބުމުން ގިނަ ދަރިވަރުން ވަނީ ކެމްޕަހަށް އެއްވެ އުފާ ފާޅު ކޮށްފަ އެވެ. އަދި ބަޓްލާ ބުނީ އޭނާ އެއް ހަފްތާ ވަންދެން ކުރިއަށް ގެންދިޔަ ހަޅުތާލު ނިންމާލީ ކަމަށެވެ.
މައުލޫމާތު:ނިއުޔޯކު ޓައިމްސް