ސައުދީ ސަރުކާރުން ރާއްޖޭގައި ސްކޫލްތަކެއް އަޅަން ބޭނުންވާކަމަށް ސައުދީ އަރަބިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދުރް އަލީ އަހްމަދު އަލްކަހައިލް ވިދާޅުވެއްޖެ އެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ ބައްދަލުކުރައްވައި ސައުދީ ސަފީރު ވަނީ ސްކޫލްތައް އެޅުމަށް ބޭނުންވާ ތަކެތި ވީހާވެސް އަވަހަކަށް ސައުދީ ސަރުކާރަށް ހުށަހަޅަން އެދިވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ، ސައުދީ ސަރުކާރުގެ އެހީގައި ދިވެހި 150 ދަރިވަރަކަށް ސްކޯލާޝިޕް ހަމަޖެއްސުމުގެ ކަންތައްތައް އަވަސް ކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ހަމައެހެންމެ ރާއްޖޭގައި އަރަބި ބަސް ކިޔަވަދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްތަކަށް އެހީތެރި ވެދިނުމުގެ ގޮތުން ސައުދީ ސަރުކާރުން ފޮނުވަން ނިންމާފައިވާ ޓީޗަރުން ރާއްޖެ ގެނައުން އަވަސް ކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އަރަބި މީޑިއަމްގެ ސްކޫލްތަކަށް ބޭނުންވާ އުނގެނުމާއި އުނގަންނައި ދިނުމުގެ ވަސީލަތްތަތް ފޯރުކޮށްދިނުން ފަދަ ކަންތައްތަކާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ ސައުދީ ސަރުކާރުން ރާއްޖޭގެ ތައުލީމާއި ތަރައްގީއަށް ކޮށްދޭ ކަންތައްތައް ފާހަގަކޮށް، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދަށާއި، ސައުދީ ސަރުކާރަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.