03 Apr 2011, 18:57
ލ. އަތޮޅު ކައުންސިލްގެ ހުއްދައާ ނުލައި އަތޮޅުގޭގައި ގައުމީ އިދާރާގެ ޔުނިޓެއް ގާއިމް ކުރާ މައްސަލަ ޑީއާރުޕީން ކުށްވެރިކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުލް މައުސޫމް ވިދާޅުވީ، ލ. އަތޮޅު ކައުންސިލްގެ ހަ މެންބަރުން މަސަކަތް ކުރާ އަތޮޅުގޭގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، އެ މައްސަލައަށް ހައްލެއް ނުލިބިފައިވާ އިރު، ގައުމީ އިދާރާ ހިންގުމަށް އެ އަތޮޅު ފޮނަދޫގައި ހުންނަ އަތޮޅުގޭގައި ޔުނިޓެއް ގާއިމް ކުރުމަކީ ކައުންސިލް މެންބަރުން ރުހޭ ކަމެއް ނޫން ކަމަށެވެ. އަދި އަތޮޅު ގޭގައި ގައުމީ އިދާރާގެ ޔުނިޓެއް ގާއިމް ކުރާތީ މީގެ ކުރިން ވެސް އަތޮޅު ކައުންސިލާ މަޝްވަރާ ކުރި ކަމަށާއި ނަމަވެސް ކައުންސިލުން އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"ޕްރޮވިންސް ސްޓޭޓް މިނިސްޓަރު ކުރިން ވެސް އަތޮޅުގެ ބޭނުން ކުރި. އަދި މިހާރު އަނެއްކާ ގައުމީ އިދާރާގެ ޔުނިޓެއް އަތޮޅު ގޭގައި ގާއިމް ކުރުމަށް މިއަދު މަސައްކަތް އެފެށީ. ކައުންސިލް މެންބަރުން އެ ތިއްބަވަނީ އެއް ކޮޓަރިއެއްގައި، ޖާގައިގެ ދަތިކަމުގެ ތެރޭގައި،"
މައުސޫމް ވިދާޅުވީ އަތޮޅުގޭގައި ގައުމީ އިދާރާގެ ޔުނިޓެއް ގާއިމް ކުރާތީ އެ މައްސަލަ ލ. އަތޮޅު ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެފަދަ ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް، ރަސްމީކޮށް މައްސަލަ ހުށަހަޅައިފައިނުވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އަތޮޅު ކައުންސިލް ތަކަށް ކުރިން އަންގާފައި ވަނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި މުދަލާއި އުޅަނދުފަހަރު ފުލުހުންނާ ހަވާލު ކުރުމަށެވެ. ނަމަވެސް ޑީއާރުޕީގެ މެޖޯރިޓީ އޮތް އަތޮޅު ކައުންސިލްތަކަށް އެ ޕާޓީން އަންގާފައިވަނީ ކޯޓް އަމަރަކާ ނުލާ އެފަދަ އެއްވެސް ތަނެއް ގައުމީ އިދާރާއަކަށް ނުވަތަ ފުލުހުންނަށް ހަވާލު ނުކުރުމަށެވެ.