މަސް ގަންނަ ކުންފުނިތަކުން ރީނދޫ އުރަހަ ކަންނެލި ކިލޯއެއް ގަންނަ އަގު 68.13 ރުފިޔާ އަށް ދަށްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި ތައިލެންޑުގައި ކަޅުބިލަމަސް ޓަނެއްގެ އަގު އުޅެނީ 20،046 ރުފިޔާ އަށެވެ. ނަމަވެސް އެ އަގު މިދިޔަ ހަފުތާގައި ވަނީ 16،962 ރުފިޔާ އަށް ދަށްވެފަ އެވެ.

ފިޝަރީޒު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކަންނެލި ކިލޯއެއް ގަނެފައި ވަނީ 105 ރުފިޔާ އަށެވެ.

މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި މަސް ގަންނަ ކުންފުނިތަކަށް 239 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ކިރާފައިވެ އެވެ. އަދި މިދިޔަ ހަފުތާގައި ކިރި އަދަދު ވަނީ 313 ޓަނަށް އިތުރުވެފަ އެވެ. މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި 79 ޓަނުގެ ކަޅުބިލަމަސް ކިރާފައިވާއިރު މިދިޔަ ހަފުތާގައި 430 ޓަނުގެ މަސް ކުންފުނިތަކަށް ކިރާފައިވެ އެވެ.

ކަންނެލި ގަންނަ އަގު ދަށްވި ނަމަވެސް މަސް ގަންނަ ކުންފުނިތަކުން ފިނިކުރި އަދި ފިނިނުކުރާ ކަޅުބިލަ މަސް ގަންނަ އަގަށް ބަދަލެއް ގެނެސްފައެއްނުވެ އެވެ.