ގަވާއިދާ ޚިލާފަށް ހަތިޔާރުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވިގެން ހިފަހައްޓާފައިވާ ސްރީލަންކާގެ ވަންޓް ގާޑް ކުންފުނީގެ "ފްލޯޓިން އާމަރީ"ގެ ދިފާއުގައި ވާހަކަ ދެއްކެވި ލަންކާގެ ލޯ އެންޑް އޯޑާ މިނިސްޓަރު، ތިލަކް މަރަޕަނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ލަންކާގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މަރަޕަނާ ވަނީ، ހިފަހައްޓާފައިވާ ހަތިޔާރު ބޯޓުގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން އެ އުޅަނދަކީ ކަނޑުފޭރޭ މީހުންގެ ކިބައިން އުޅަނދުތަކަށް ހިމާޔަތްދޭ އުޅަނދެއް ކަމަށް ވެސް މަރަޕަނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އޭނާ އަށް ބައެއް ވަޒީރުންގެ ފާޑުކިޔުންތައް އަމާޒު ވެފައިވާ އިރު، މަރަޕަނާ ވިދާޅުވީ، މަގާމުގައި ހުރެގެން ހަތިޔާރު ބޯޓުގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ދަތިވާނެ ކަމަށް ބުނެ ބައެއް ވަޒީރުން އޭނާ އަށް ލަފާއަރުވާފައިވާ ކަމަށެވެ. އެހެންކަމުން އިސްތިއުފާ ދޭން ނިންމީ ކަމަށް ވެސް މަރަޕަނާ ވިދާޅުވި އެވެ.

ވަޒީރުކަން ލިބިވަޑައިގަތުމުގެ ކުރިން މަރަޕަނާ ވަނީ އެވަންޓް ގާޑް ކުންފުނީގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވާފަ އެވެ.

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ އެދުމުގެ މަތިން ހަތިޔާރު ބޯޓުގެ ތަހުގީގުކުރުމުގެ ޒިންމާ މިހާރު ވަނީ ރިޔާސީ ކޮމިޝަނާއި ހަވާލުކޮށްފައެވެ.

އަވަންޓް ގާޑް ފްލޯޓިން އާމަރީ މިހާރު ގޯލުގައި ބަނދަރުކޮށްފައިވާ އިރު، ލަންކާ ސިފައިން މި އުޅަނދު ފާސް ކުރުމުގެ ތެރޭގައި އޭގެއިން ޓީ-56 އާއި 84-އެސްގެ 816 ހަތިޔާރާއި 200،000 އަށް ވުރެ ގިނަ ގޮވާތަކެއްޗާއި ވަޒަން ވަނީ ފެނިފަ އެވެ.