ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރަން އުޅެނިކޮށް އެގައުމުން އަތުލައިގަނެ ހައްޔަރުކޮށްފައިތިބިި އިންޑިއާގެ 126 މަސްވެރިއަކު ލަންކާގެ ކޯޓުތަކުން މިނިވަން ކޮށްފި އެވެ.

ލަންކާގެ ފިޝަރީޒް މިނިސްޓަރު މަހިންދަ އަމަރަވީރަ ވިދާޅުވި ގޮތުގައި، އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ މަސްވެރިކަން ކުރަނިކޮށް ހައްޔަރުކޮށްފައިތިބި އިންޑިއާގެ ބައެއް މަސްވެރިން ލަންކާގެ އުތުރުގެ ކޯޓުތަކުން އިއްޔެ މިނިވަންކުރަން ނިންމީ އިންސާނިއްޔަތަށްޓަކައެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ މަސްވެރިކަން ކުރާކަމަށް ތުހުމަތުކުރެވޭ އިންޑިއާގެ ބޯޓުތަކާއި އާލާތްތައް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހިންދަ އަމަރަވީރަ ވިދާޅުވި ގޮތުގައި، އިންޑިއާއާ ލަންކާގެ މަސްވެރިކަމާ ބެހޭ ޖަމިއްޔާތަކާ ދެމެދު ބޭއްވި ވާހަކަތައް ވަނީ ނާކާމިޔާބު ވެފައެވެ. އަދި އެވާހަކަތައް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ލަންކާގެ މަސްވެރިކަމާބެހޭ ޖަމިއްޔާތަކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވާހަކަތައް ކާމިޔާބު ވެފައި ނުވަނީ، އިންޑިއާގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވަނީ މަސްވެރިންނަށް ނުވާތީ. އެ ބޯޓުތަކުގެ ވެރިންނަކީ ޓަމިލް ނާޑޫގެ ސިޔާސީވެރިން،" ލަންކާގެ ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.

މައުލޫމާތު:ލަންކާގެ ބައެއް ނޫސް އެޖެންސީތައް