10 Nov 2015, 10:12
ތެލުގެ އަގު ދަށަށް ގޮސްފައި ވުމާ ގުޅިގެން، ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގައި ހިމެނޭ ގަލްފުގެ ސާފު ނުކުރާތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކަށް މިއަހަރު ތެރޭ 275 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވާނޭ ކަމަށް ލަފާކުރާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ޖީސީސީގެ ގައުމުތަކުގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓިން ލަގާޑޭ ވިދާޅުވީ، ޖީސީސީގެ ގައުމުތަކަށް ލިބޭ އާމްދަނީގެ ތެރޭން ފިސްކަލް އަދި އެކްސްޕޯޓް އާމްދަނީގެ ބޮޑުބައެއް ހިއްސާ ކުރަނީ ތެލުގެ ވިޔަފާރީން ކަމަށެވެ.
"ދެހާސް ސާދަ ވަނަ އަހަރުގެ މެދުތެރޭން ފެށިގެން ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން އެކްސްޕޯޓް އާމްދަނީން 2015 ވަނަ އަހަރު ލިބޭނޭ މިންވަރު 2014 ވަނަ އަހަރަށް ވުރެ 275 ބިލިއަން ޑޮލަރު މަދުވާނޭ ކަމަށް ލަފާކުރެވެނީ،" ކްރިސްޓިން ވިދާޅުވި އެވެ.
ގަލްފުގެ ގައުމުތަކުގެ 2015 ވަނަ އަހަރުގެ ޖީޑީޕީގެ ފިސްކަލް ބެލެންސް ޑެފިސިޓްގެ ގޮތުގައި 12.7 ޕަސެންޓް އައިއެމްއެފްއިން ލަފާކޮށްފައިވާ މި އަހަރުތެރޭގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ބެލެންސް އާދަޔާ ޚިލާފަށް ހީނަރުވެފައިވާ ކަމަށް ވެސް ކްރިސްޓިން ވިދާޅުވި އެވެ.

ލްފުގެ ގައުމުތަކުގެ މާލީ ވަޒީރުންނާއެކު އައިއެމްއެފްގެ ޗީފް ކްރިސްޓިން ލަގާޑޭ ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އޭޕީ
ޖީސީސީގައި ހިމެނޭ ގައުމުތަކަކީ، ބަހްރެއިން، ކުވައިތު، އޮމާން، ސައުދީ އެރެބިއާ، ގަތަރު އަދި އެކުވެރި އަރަބި އިމާރާތްތައް (ޔޫއޭއީ) އެވެ.
ގަލްފުގެ ގައުމުތަކުގެ އިގްތިޞާދުގެ މައިގަނޑު އާމްދަނީ ބަރޯސާވެފައި އޮންނަނީ ތެލުގެ ވިޔަފާރިއަށް ކަމަށްވާ އިރު، 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ވަނީ، 115 ޑޮލަރުން 50 ޑޮލަރަށް ދަށަށް ގޮސްފަ އެވެ.
އައިއެމްއެފުން ލަފާކުރާ ގޮތުގައި ޖީސީސީގެ އިގްތިޞާދު ފުޅާވަމުން ދާ ދުވެލިވެސް ވަނީ ވަރަށް ބޮޑުތަން މަޑުޖެހިފައވެ. އެގޮތުން 2014 ވަނަ އަހަރު 3.4 އިންސައްތައިގައި ހުރި ނަމަވެސް، އެމިންވަރު 2015 ވަނަ އަހަރަށް ލަފާކޮށްފައި ވަނީ، 3.2 ޕަސެންޓް އަދި 2016 ވަނަ އަހަރު 2.7 ޕަސެންޓަށެވެ.
އައިއެމްއެފް އިން ފާހަގަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތެލުގެ އަގު މައްޗަށް ހިނގައިދާނޭ ކަމަށް ނުބެލެވޭތީ، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި ޖީސީސީގެ މެންބަރު ގައުމުތަކުން އެ ގައުމުތަކުގެ ފިސްކަލް ޕޮލިސީއަށް ބަދަލުގެންނަން ޖެހޭނެ އެވެ.
ތެލުގެ އަގު ދަށްވުމާ ގުޅިގެން ގަލްފުގެ ގައުމުތަކުން އެ ގައުމުތަކުގެ އިގްތިޞާދު ހަރުދަނާކުރުމަށް އެކި ގައުމުތަކުން އެކި މިންވަރަށް ތަފާތު ފިޔަވަޅުތައް އަޅަން ޖެހޭހިރު، ހުރިހާ ގައުމުތަކަކުން ވެސް، ދައުލަތުގެ ބަޖެޓް ކުޑަކޮށް، ބޭކާރު ޚަރަދުތައް މަދުކުރުމާއެކު ތެލުގެ އާމްދަނީން ޓެކްސް އިތުރު ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އައިއެމްއެފްއާއި އަދި އެ ގައުމުތަކުން ވެސް އިއްތިފާގު ވެއެވެ.
މައުލޫމާތު:އާރުޓީ