03 Apr 2011, 18:31
އައްޑު އަތޮޅުގައި މި އަހަރު ބާއްވާ ސާކު ސަމިޓުގެ ސެކިއުރިޓީ ހަމަޖައްސާނެ ގޮތަކާ ގުޅޭ ގޮތުން ސާކުގެ ގައުމުތަކުގެ މެދުގައި ބަހުސްކުރަމުން އަންނަ ކަމަށާއި ދިވެހި ސިފައިންނާއި އިންޑިއާގެ ސަލާމަތީ ބާރުތަކުން ބޭނުން ވަނީ ބަރުހަތިޔާރާއި މެޝިނަރީ ގެންނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޫޓާނުގެ ބޮޑުވަޒީރު ޖިގްމީ ވައި، ތިންލޭ ރާއްޖެ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރައިވަޑައިގަތުމުގެ ކުރިން މާލެ އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްއެންޑީއެފާއި އިންޑިއާގެ ސިފައިން އެދެނީ ސާކު ސަމިޓުގެ ސެކިއުރިޓީއަށް "ވަރަށް ވަރުގަދަ" އާމަޑް )ހަތިޔާރު ބަހައްޓާފައި ހުރި( ވެހިކަލްތަކާއި މެޝިނެރީ ގެންނަން ކަމަށެވެ. ނަމަވެސް، ދިވެހި ސަރުކާރުން އެގޮތް ބޭނުންނުވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ދިވެހި ސަރުކާރުން މިއެދެނީ ތަންކޮޅެއް ރަހުމަތްތެރި ގޮތަކަށް ސެކިއުރިޓީ ބެލެހެއްޓޭނެ ގޮތެއް ހޯދައިދިނުމަށް. އެހެންވީމަ އެ ވާހަކަތައް ދެކެވެމުން އެދަނީ،" ރައީސް ވިދާޅުވި އެވެ.
އަދި ބަރުހަތިޔާރާއި އެހާ ގިނަ ވެހިކަލްތައް ބޭނުންނުކޮށް، ވީހާ ވެސް އެކުވެރިމާހައުލެއްގައި ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސެކިއުރިޓީގެ ކަންކަން އަޅުގަނޑުމެންނަށް އެކުވެރި މާހައުލެއްގައި، އެހާ ގިނަ ބަރު މެޝިނަރީއާއި އެކިއެކި ބާވަތްތައް ބޭނުންނުކޮށް، އެކުވެރި މާހައުލެއްގައި ސެކިއުރިޓީގެ ކަންތައް ހަމަޖެހޭތޯ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަންނަނީ މަސައްކަތްކުރަމުން،"
ސަމިޓަށް ސާކު ގައުމުތަކުގެ ވެރިންނާއި އިތުރު ބޭފުޅުން ވަޑައިގަންނަވާއިރު ސެކިއުރިޓީގެ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފުން ވެސް ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ، ސާކު ސަމިޓުގެ ކަންތައްތައް ކުރިއަށްދާ ގޮތް "ދުވާލަކު ދެފަހަރު" ބައްލަވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މަސައްކަތްތައް ރަނގަޅަށް ބާރަށް އެބަ ހިނގާހެން. ދެން އަޅުގަނޑަކަށް މި މަސައްކަތްތައް ބާރަށް ނުދާނެ ކަމަކަށް ލަފައެއް ނުކުރެވޭ. ހަމަ ބާރަށް އެބަދޭ. ހުރިހާ ކޮންޓްރެކްޓެއް އެހެރީ ކުރެވިފައި. ހުރިހާ ފައިސާއެއް އެހުރީ ހަމަޖެހިފައި." ރައީސް ވިދާޅުވި އެވެ.
މިއީ ދެކުނު އޭޝިއާ ގައުމުތަކުގެ ވެރިންގެ ބައްދަލުވުން ރާއްޖޭގައި ސާކު ސަމިޓު ބާއްވާ ތިން ވަނަ ފަހަރެވެ. ސަތާރަ ވަނަ ސާކް ސަމިޓް ރާއްޖޭގައި ބާއްވަން ތިން ވަނަ ފުރުސަތު ލިބުމާ ގުޅިގެން ސަރުކާރުން ނިންމައިފައިވަނީ، ބޮޑު ހޭދައެއްކޮށްގެން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް އިމާރާތްކޮށް، އެތަނުގައި އެ ބައްދަލުވުން ކުރިއަށް ގެންދިއުމަށެވެ. ސަމިޓުގެ ބައެއް ބައިތައް ފުވައްމުލަކުގައި ވެސް ކުރިއަށްގެންދިއުމަށް ވަނީ ރާވައިފަ އެޗެ. ސަރުކާރުން ސާކު ސަމިޓަށް 231 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމައިފަ އެވެ.