ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމަށް ޑރ. ހާލާ ހަމީދު އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކޮށް އޭނާ އަށް ރުހުން ދިނުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއިން ފާސްކޮށްފި އެވެ.

ކޮމިޓީގެ މެމްބަރުން ވަނީ ހާލާ އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ.

ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވެވި ޑރ. ހާލާ ހަމީދު ފަހުން ޕޮލިސް އިންޓަގްރެޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި މަސައްކަތް ކުރެއްވުމަށް ފަހު 2013 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

އެއަށް ފަހު ޑރ. ހާލާ މަސައްކަތް ކުރައްވާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު ހާލާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް ރައީސް ޔާމީން މިދިޔަ މަހު ފަހުކޮޅު ވަނީ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ޑރ. ހާލާ ބަދަލުކުރައްވާފަ އެވެ.