ޔަންގުން (ނޮވެމްބަރު 10) : މިޔަންމާގައި ބޭއްވި އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެގައުމުގެ ކުރީގެ އަސްކަރީ ވެރިޔާ އަދި މިހާރުގެ އިންތިގާލީ ސަރުކާރުގެ ރައީސް ޖެނެރަލް ތިންސިން ވިދާޅުވެއްޖެ އެވެ.

ތިންސިން ވިދާޅުވީ އޭނާގެ "ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމެންޓް ޕާޓީ" މިއިންތިޚާބުގައި ބަލިވެއްޖެ ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ އުފުއްލަވައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގަ އެވެ. ސޮލިޑަރިޓީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަތާއި އޫ ވެސްވަނީ އޭނާގެ ޕާޓީ އިންތިޚާބުގައި ބަލިވެއްޖެ ކަމަށް ވިދާޅުވެ އިންތިޚާބުގެ ނަތީޖާ އެޕާޓީން ގަބޫލުކުރާކަން ހާމަކުރައްވައިފަ އެވެ. މިއިންތިޚާބުގެ ވޯޓުގެ ގާތްގަނޑަކަށް 90 ޕަސެންޓް މިހާރު ގުނައި ނިމިފައިވާ އިރު އެ ގައުމުގެ އިދިކޮޅު ލީޑަރު އައުންސަންސޫޗީގެ "ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ" ޕާޓީ އަށް ޕާލަމެންޓްގައިވާ އިންތިޚާބުކުރާ ގޮނޑިތަކުގެ ތެރޭން ގާތްގަނޑަކަށް 70 ޕަސެންޓް ގޮނޑި ލިބިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

ޕާލަމެންޓްގެ ޖުމްލަ ގޮނޑީގެ ތެރެއިން މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައި ވަނީ 330 ގޮނޑި އަށެވެ. ބާކީ ގޮނޑިތަކަކީ އިންތިޚާބަކާ ނުލައި މެންބަރުން އައްޔަން ކުރާ ގޮނޑިތަކެވެ. މީގެތެރޭގައި ސިފައިންނަށް ޚާއްސަކޮށްގެން ސިފައިންގެ އިސްއޮފްސަރުން އައްޔަންކުރާ ގޮނޑިތަކާއި އެނޫންގޮނޑިތައް ވެސް ހިމެނެ އެވެ. އިންތިޚާބުކުރާ ގޮނޑީގެ ތެރެއިން 70 ޕަސެންޓް ގޮނޑި ކާމިޔާބުކުރީ އައުންސަންސޫޗީގެ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށް އެޕާޓީގެ ތަރްޖަމާން ވިން ހީޓިން ވިދާޅުވި އެވެ. ނަމަވެސް މިޔަންމާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން މިކަމާބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
މި ކާމިޔާބީއާއެކު މިޔަންމާގައި ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު ސޫޗީގެ ޕާޓީއަށް ލިބިގެންދާނެ އެވެ. މިޔަންމާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ސިޔާސީ ނިޒާމަކީ ބަރުލަމާނީ ނިޒާމެކެވެ. ސަރުކާރު އެކުލަވާލާނީ ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކުންނެވެ. ގައުމުގެ ރައީސްކަމުގެ މަގާމަކީ މާބޮޑު ބާރުތަކެއްނެތް ޝަރަފުވެރި މަގާމެކެވެ. މި މަގާމަށް ބޭފުޅަކު އިންތިޚާބު ކުރާނީ ޕާލަމެންޓްގައި ނަގާ ސިއްރު ވޯޓަކުންނެވެ. ނަމަވެސް މިޔަންމާގެ ގާނޫނު އަސާސީ މިހާރު އޮތްގޮތުން ގައުމުގެ ރައީސް ކަމަށް ކުރިމަތި ލެއްވުމުގެ ފުރްސަތު ސޫޗީއަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ.
މިޔަންމާގެ ތާރީޚީ މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގުން އެގައުމުގެ ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މަހްރޫމްކޮށްލާފައިވީ ނަމަވެސް މިއީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ ގައުމުތަކަށް މާބޮޑު ކަމަކަށް ނުވެ އެވެ. (ނޫސްއެޖެންސީތައް)