10 Nov 2015, 09:24
ވޮޝިންޓަން (ނޮވެމްބަރު 10): އިސްރާއީލާއި އެމެރިކާއާ ދެމެދު ޚިލާފްތަކެއް އެބަހުރި ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ ނަތަނިޔާހޫއާ އެކު ބޭއްވި ރަސްމީ ވާހަކަތަކުގައި ދެ ބޭފުޅުންގެ ދެމެދުގައި ދެބަސްވުންތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމުގަ އެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް އޮބާމާ ނުދެއްވަ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރާނެ ގޮތަކާ މެދު އެމެރިކާއާއި އިސްރާއީލާ ދެމެދު ވަނީ ވަރަށްބޮޑަށް ޚިޔާލު ތަފާތުވެފަ އެވެ. އީރާނުގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް ދުނިޔޭގެ ބޮޑެތިބާރުތަކާ އެކު އެމެރިކާ އިސްވެ އޮވެގެން އީރާނާ އެކު ކުރިޔަށްގެން ދިޔަ ސުލްހައިގެ ވާހަކަތައް ކާމިޔާބުވެ އެކަމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމުން އިސްރާއީލު ވަނީ އެ އެއްބަސްވުމާ ދެކޮޅު ހަދާފަ އެވެ. އަދި އެއެއްބަސްވުން ވުޖޫދަށް އަޔަ ނުދިނުމަށް ވެސް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު މަސައްކަތް ކުރައްވާފައިވެ އެވެ.
މީގެ އިތުރުން އެމެރިކާގެ ކޮންގްރެސްއިން މިއެއްބަސްވުން ތަސްދީގު ކުރުމަށް އޮބާމާގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ނާކާމިޔާބުކޮށްލުމަށް ޓަކައި ކޮންގްރެސްގައި ހިމެނޭ އިސްރާއީލުގެ ރަހްމަތްތެރި މެންބަރުންނާ ގުޅިގެން ނަތަނިޔާހޫ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަތަނިޔާހޫ ބޭނުން ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް އެއްކޮށް ހަލާކުކޮށްލައި މަދަނީ ނިއުކްލިޔާ ޕްރޮގްރާމެއް ހިންގުމުގެ ފުރްސަތުން ވެސް އީރާން މަޙްރޫމް ކުރުމަށެވެ. މިއީ އެމެރިކާގެ މިހާރުގެ ސަރުކާރު ބޭނުންވާ ގޮތެއް ނޫނެވެ.
އަނެއްކޮޅުން ނަތަނިޔާހޫ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ޒަމާނީ ހަތިޔާރު އިސްރާއިލަށް ފޯރުކޮށްދުނުމުގެ މަޝްވަރާތައް ހިމެނޭ ކަމަށް ޚަބަރު ބުނެ އެވެ. އެމެރިކާގެ ކޮންގްރެސްގެ ދާއިރާތައް ބުނާގޮތުން ފަސްބިލިޔަން ޑޮލަރުގެ ހަތިޔާރު އެމެރިކާއިން ހޯދުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމަށް ޓަކައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އޮބާމާގެ ސަރުކާރުގެ އިސް މަސްއޫލުވެރިންގެ އިތުރުން ކޮންގްރެސްގެ ބައެއް މަސްއޫލުވެރިންނާ ނަތަނިޔާހޫ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށްވެ އެވެ.
ނަތަނިޔާހޫ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އިތުރުން ކޮންގްރެސްގެ ބައެއް ސީނިޔާ މެންބަރުންނާވެސް އަދި އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. (ރޮއިޓާސް)