ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިގްތިސާދީ ޕްލޭނަކީ މިހާތަނަށް ރާއްޖެއަށް ނުލިބޭވަރުގެ ނަސީބެއް ކަމަށާއި އެކަމާ ހަސަދަވެރިވާ ފަރާތްތަކުން ސިޔާސީ އޮއިވަރެއްގެ ތެރެއަށް ދިވެހިން ގެންބުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ "އެކްސްޕޯ މޯލްޑިވްސް"ގެ ލޯގޯ އާއި ލަވަ އިފްތިތާހު ކުރުމަށް ޓީވީއެމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރާމެދު ހަސަދަވެރިވެގެން ބަޔަކު ޖައްސާ ސިޔާސީ މަޅިތަކުން ދިވެހިން ނެއްޓެން ވެއްޖެ ކަމަށެވެ. ރައީސް ޔާމީންގެ އިގްތިސާދީ ޕްލޭން ކާމިޔާބު ކުރުމަށް ދިވެހިން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެ ޕްލޭންއަކީ "ދެން ނުލިބޭނެ ވަރުގެ ނަސީބެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް މިހާރު ހުށަހަޅުއްވާފައިވާ އިގްތިސާދީ ޕްލޭނަކީ މިހާތަނަށް ދިވެހިރާއްޖެއަށް ނުލިބޭނެ ވަރުގެ ނަސީބެއް. މިކަމާ ހަސަދަވެރިވާ ފަރާތްތަށް ގިނަވުމުން އަޅުގަނޑުމެން ހިތާމަ ކުރަން. ހަގީގަތުގައި ވެސް މުޅި ދިވެހި ރައްޔިތުން ސިޔާސީ އޮއިވަރަކަށް ގަންބާލުމަށް އަޅުގަނޑުމެންނާ ދޭތެރޭ ހަސަދަވެރިވާ ފަރާތްތަކުން ސިޔާސީ ގޮތުން ޖައްސަން އުޅޭ މިފަދަ މަޅިތަކުން ދިވެހިރައްޔިތުން އެބަޖެހޭ ނެއްޓެން. އަދި އެއްވެސް ޝައްކެއް ނެތި ދިވެހި ސަރުކާރުގެ ފަހަތުން ގޮސް މި އިގްތިސާދީ ޕްލޭން ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަން އެބަޖެހޭ. ސަބަބަކީ މި ނަސީބު ދިވެހިރައްޔިތުންނަށް ދެން ނުލިބޭނެ،" އިކޮނަމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ކެރިގެން މި ދަންނަވަނީ، ސަބަބަކީ އަޅުގަނޑުމެންނަށް 10 އަހަރު ރާސްތާއެއް މި ދިޔައީ މިހާރު ވެސް އަޅުގަނޑުމެންގެ ފައިދަށުން ސޮއްސައިލައިގެން. ދެން ކިހިނެއްތޯ އަޅުގަނޑުމެންގެ އުމުރުގެ ދުވަސްތައް ރިވާސް ކުރާނީ. އެގޮތަކަށް ނޫން، ﷲ މި ދުނިޔެ ލައްވާފައި ވަނީ،"މިނިސްޓަރު ސައީދު

ސައީދު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒީނަތްތެރިކަމުގެ ގޮތުން ރާއްޖެއާ ވާދަކުރެވޭނެ ގައުމެއް ދުނިޔެއަކު ނެތް ކަމަށެވެ. މަތީ ފަންތީގެ ޓޫރިޒަމާ ހިސާބަށް ރާއްޖެއަށް އާދެވުނު ސަބަބަކި އެއީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް މި އިންޑަސްޓްރީއަށް ނުލިބިގެން މިއުޅެނީ ދިވެހި އުފެއްދުމުގެ ގޮތުގައި ފަތުރުވެރިން ވެލެޓްނަގާފައި ގަންނަން ބޭނުންވާ ސާމާނު. މިކަން ކުރުމަށްޓަކާ ރައީސްގެ އިސްނެންގެވުމާއެކު އަޅުގަނޑުމެން މިހާރު ވާނީ ސުވެނިޔާ ވިޔަފާރީގައި ބޭރު ފަރާތްތަކަށް ބައިވެރިނުވެވޭނެ ގޮތް ހަދާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ އުފެއްދުންތައް ދައްކާލާ "އެކްސްޕޯ މޯލްޑިވްސް"ގައި ތަކެތި ބައިވެރި ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ. ދިވެހިން އުފައްދާފައިވާ ޓެކްނޮލޮޖީގެ އުފެއްދުންތަކުން ފެށިގެން ގޮސް ދިވެހި އާދަކާދައިގެ މަސައްކަތްތެރިކަން އެ މައުރަޒުން ފެނިގެންދާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.

އެ މައުރަޒަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އެއް ވަނަ ދުވަހެވެ. "އެކްސްޕޯ މޯލްޑިވްސް" ބާއްވާނީ އަންނަ މަހުގެ 22 އިން 28 އަށް ދަރުބާރުގޭގަ އެވެ.

ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ދައްކާލާ "އެކްސްޕޯ މޯލްޑިވްސް"ގެ މީޑީއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) އެވެ. ޓީވީއެމުން ކޮންމެ ހަފްތާއަކު އެ އެކްސްޕޯއާ ގުޅޭ ޕްރޮގްރާމެއް ފޮނުވާނެ އެވެ. އަދި ރޭޑިއޯ މެދުވެރިކޮށް ހަފްތާއަކު ދެ ޕްރޮގްރާމް ފޮނުވާނެ އެވެ.