09 Nov 2015, 21:02
ސަންގު ޓީވީގެ ޓްރާންސްމިޝަން މިރޭ އަލުން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ސަންގު ޓީވީގެ ޓްރާންސްމިޝަން ހުއްޓާލީ އެ ސްޓޭޝަންގެ ސިސްޓަމްތަކުގެ ހާޑް ޑިސްކްތަކަކާއެކު އިތުރު ސާމާނުތައް ފުލުހުން ގެންދިއުމުންނެވެ.
ފުލުހުން އެތަކެތި ގެންދިޔައީ، ސަރުކާރުގެ "އަނިޔާވެރިކަން" ހުއްޓުވާނެ ކަމަށް ބުނެ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްގެ ތަހުގީގަށެވެ. ފުލުހުން ބުނީ އެ ވިޑިއޯ އަޕްލޮޑްކޮށްފައި ވަނީ ސަންގު ޓީވީ ހިންގާ އިމާރާތުގެ ކޮމްޕިއުޓަރަކުން ކަން އެނގިފައިވާ ކަމަށެވެ.
ސަންގުޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) "ސަން" އަށް މިރޭ ވިދާޅުވީ، އެ ސްޓޭޝަންގެ ޓްރާންސްމިޝަން މިރޭ ފަށާފައި ވަނީ ފުލުހުން ގެންދިޔަ ސާމާނުތައް ލިބިގެން ނޫން ކަމަށާއި ޓްރާންސްމިޝަން ފެށީ އެ ސްޓޭޝަންގެ މުވައްޒަފުންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުން ފޯރުކޮށްދިން ތަކެތީގެ އެހީގައި ކަމަށެވެ.
"އަޅުގަނޑުމެން މިރޭ ސަންގު ޓީވީގެ ޓްރާންސްމިޝަން މި ފެށީ އަޅުގަނޑުމެންގެ މުވައްޒަފުން އަދި ހެޔޮއެދޭ ފަރާތްތަކުން ދިންތަކެތީގެ އެހީގައި. މުވައްޒަފުން ވެސް އެ މީހުންނަށް ދެވެން ހުރި ހާޑް ޑިސްކެއް، އަދި ވައިފައި ރައުޓާ ވެސް އެބަހުރި ދީފައި. އަމިއްލަ ލެޕްޓޮޕްތަކާ އެއްކޮށް މަސައްކަތަށް ނުކުތީ،" އަސްވާޑު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސްޓޭޝަންގެ ހުރިހާ ހާޑް ޑިސްކްތަކާއި ވައިފައި ރައުޓާ ފަދަ ތަކެތި ފުލުހުން ގެންގޮސްފައިވާ ކަމަށާއި އެ ސްޓޭޝަން މިހާރު ހިންގަނީ މުވައްޒަފުންގެ ތަކެތީގައި ކަމަށެވެ. އަދި އެއީ އެފަރާތުން އެންމެ އެދޭ ގޮތް ނޫން ކަމަށާއި ފުލުހުން ގެންދިޔަ ތަކެތި ވީހާވެސް އަވަހަށް ގެނެސްދިނުމަށް އެދޭ ކަމަށެވެ.
އަސްވާޑު ވިދާޅުވީ ދިވެހި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެ ސްޓޭޝަނުން ފުލުހުންނަށް ދޭނެ ކަމަށެވެ. އަދި ފުލުހުން ތުހުމަތު ކުރިފަދަ އެއްވެސް ކަމެއް އެ ސްޓޭޝަންގެ އެއްވެސް މުވައްޒަފެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.