ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފައިނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

އަދީބާ ގުޅޭ އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރުމަށް ނިންމާފައި ނުވާ ކަމަށް ޕީޖީ ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

ޕީޖީ މުހުތާޒު މިހެން ވިދާޅުވެފައި ވަނީ އަދީބުގެ ދެ މައްސަލައެއް ފުލުހުން އެ އޮފީހަށް ހުށަހެޅުމުން އަނބުރާ އެ މައްސަލަތައް ފޮނުވާލި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުންނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް މިހާތަނަށް ފުލުހުން އެ އޮފީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ޕޮލިސް އިންޓެލިޖެންސްގެ އޮފިސަރުންތަކަކަށް ރިޝްވަތު ދިން މައްސަލަ އާއި ފިސްތޯލަ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެ އޮފީހުގެ ޕްރޮސިކިއުޓަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތައް ކުރިއަށްދިޔައިރު އެ މައްސަލައިގެ ލިޔެކިޔުންތައް ވެސް ފުލުހުން އެ އޮފީހަށް ގެންދިޔަ ކަމަށާއި އެ މަޝްވަރާއަށްފަހު އެ މައްސަލާގައި ބައެއް ކަންކަން ފުރިހަމަކުރުމަށް ފުލުހުންނަށް މަޝްވަރާ ދީފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.