ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދެ ދުވަސް ކަމުގައިވާ އާއްދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވަން ހަމަޖައްސަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެގޮތަށް ހަމަޖެއްސީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިހާރަށް ވުރެ އަވަސް ކުރުމަށް، ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އެކު މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

ކޮންމެހެން ނިންމަން ޖެހޭ ކަމެއް ނިންމުން ފިޔަވައި، މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިން ބާއްވަމުން އައީ މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވަމުން އަންނަ ދުވަސްތައް ކަމަށްވާ، ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު އެވެ.

އޮފިޝަލް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އެކު މަޖިލީހުގެ ރައީސް ބޭއްވެވި މަޝްވަރާތަކުގައި ކޮމިޓީތަކުގެ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ދިމާވާ ކޯރަކުގެ މައްސަލައާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.