09 Nov 2015, 19:59
މިއަދު ހަވީރު މ. މަޑުއްވަރީ ފަޅުކައިރީގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވުމުގެ ސަބަބުން ޒަޚަމްވި ބިދޭސީ މީހާގެ ހަށިގަނޑުން ގާތްގަނޑަކަށް 15 ޕަސެންޓް ފިހިފައިވާ ކަމަށް އެ އަތޮޅު ދިއްގަރު ސިއްހީ މަރުކަޒުން ބުނެފި އެވެ.
އަލިފާން ރޯވި އިރު އެ ދޯނީގައި ހުރީ އެންމެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެއީ ފިހިގެން ދިއްގަރު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ބިދޭސީމީހާ އެވެ.
ދިއްގަރު ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް އެ މަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހަށިގަނޑުން 15 ޕަސެންޓް ފިހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޑައިވިން ދޯނީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އެނގޭނީ ތަހުގީގަށް ފަހު ފުލުހުން ބުންޏެވެ.
އަލިފާން ރޯވުމުގެ ސަބަބުން ދޯނީގެ ގެގަނޑުން ބޮޑުބައެއް އަނދާފައިވާ އިރު، ފުލުހުންނާއި އާންމުން ގުޅިގެން ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭގައި ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.