މ. މަޑުއްވަރީ ފަޅުގައިއަޅާފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ އަލިފާން ރޯވި އިރު އެ ދޯނީގައި ހުރީ ބިދޭސީއެއް ކަމަށާއި އޭނާ ސަލާމަތްވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަނިޔާވި ބިދޭސީ މީހާއަށް މިހާރު އަންނަނީ އެ އަތޮޅު ދިއްގަރު ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.

އެ ދޯންޏަކީ މެދަފުށި ރިސޯޓްގައި ޑައިވިން އަށް ބޭނުންކުރާ 50 ފޫޓުގެ ދޯންޏެއް ކަމަށް އެރަށު ކައުންސިލަރަކު ވިދާޅުވި އެވެ.

ފުލުހުން ބުނީ އަލިފާން ރޯވުމުގެ ސަބަބުން ދޯނީގެ ގެގަނޑު އަނދާފައިވާ ކަމަށެވެ.

ދިއްގަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އެ އަލިފާންގަނޑު ނިވާލާފަ އެވެ.