މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބޭންކް ގެރެންޓީ ހޯދާ ފަރާތްތަކަށް ނަގާ ފީ އެ ބޭންކުން 500 ރުފިޔާ އަށް ކުޑަކޮށްފި އެވެ.

އިސްލާމިކް ބޭންކުގެ އޮފިޝަލަކު ވިދާޅުވީ އެ ބަދަލު ގެނައުމަށް ނިންމީ އެ ބޭންކުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވީހާވެސް ލުއި ގޮތަކަށް އެކަން ހަމަޖައްސަވައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެ ބޭންކުން ތިން މަސްދުވަހުގެ މުއްދަތަށް ބޭންކް ގެރެންޓީ ހޯދާ ފަރާތްތަކަށް މީގެ ކުރިން ފީ ނަގަނީ ބޭންކުގައި ފައިސާ ބަހައްޓާ މިންވަރަށް ބެލުމަށް ފަހު އެވެ.

އޮފިޝަލް ވިދާޅުވީ ބޭންކް ގެރެންޓީ ހޯދަން ހުށަހެޅުމަށްފަހު، ކެންސަލް ކުރުމަށް މީގެ ކުރިން ނަގަމުން އައި 50 ރުފިޔާގެ ފީ ވެސް މިހާރު ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އަލަށް ގެނައި ބަދަލާއެކު ބޭންކް ގެރެންޓީ ހޯދަން ހުށަހަޅާ ފަރާތްތަކަށް ދުވަހުން ދުވަހަށް އެ ލިބޭނެ ގޮތް އެމްއައިބީ އިން ވަނީ ހަމަޖައްސާފަ އެވެ.