އުރީދޫއިން ކުރިއަށް ގެންދިޔަ ބިގް މިލިއަން ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމުތައް ހަވާލުކުރަން ފަށައިފި އެވެ.

މިނިވަން ފަންސާހާ ގުޅުވައިގެން ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގެ ދަށުން ވަކި ވަރަކަށް އުރީދޫ ނަންބަރުތަކުން ހަރަދުކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް 10 މީހަކަށް 1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ ކޮންމެ މީހަކަށް 100،000 ގެ މަގުންނެވެ.

އުރީދޫ އިން ބުނީ އެކަމަށްޓަކައި ކުންފުނީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންމެ ނަސީބުވެރިޔަކަށް ވެސް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ހަފްލާގައި ބައިވެރި ނުވެވުނު ނަސީބުވެރީންނަށް އުރީދޫ އޮފީހަށް ވަޑައިގަތުމުން، ފައިސާގެ އިނާމު ހަވާލު ކުރަމުން ގެންދާ ކަމަށް އުރީދޫއިން ބުންޏެވެ.

ނިމިދިޔަ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދިޔަ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 12،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ވަނީ ތަފާތު އިނާމުތަކެއް ލިބިފަ އެވެ. އެގޮތުން އުރީދޫގެ "ބިގް މިލިއަން އޮފާ" ގައި ބައިވެރިވެ ކަނޑައެޅިފައިވާ ވަރަށް ޕޮއިންޓް ހާސިލްކުރުމުން އިނާމުތައް ލިބެއެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ފްރީ މިނިޓްސް އަދި ޑޭޓާ ލިބުމުގެ އިތުރުން ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް އައިފޯން 6 އެއް ވަނީ ލިބިފަ އެވެ. ހަމައެއާއެކު ގްރޭންޑް ޓާގެޓް ހާސިލްކުރި 93000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ލަކީޑްރޯއެއް މެދުވެރިކޮށް އިއްޔެ ހޮވުނު 10 ނަސީބުވެރިންނަށް "ބިގް މިލިއަން ކޭޝް ޕްރައިޒް" ގެ ދަށުން ކޮންމެ ބޭފުޅަކަށްވެސް 100،000 ރުފިޔާ ލިބިގެންދާނެ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫ އިން ބިގް މިލިއަން އޮފާ ތައާރަފްކުރީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަން ފަންސާސްފާހަގަކުރާ އިރު، އެކަމުގައި ބައިވެރިވެ، ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރައްޔިތުން އެ ކުންފުންޏަށް ކޮށްފައިވާ އިތުބާރުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމަށް ކަމަށެވެ.