09 Nov 2015, 18:16
އަހުމަދު އަދީބަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު ގެއްލިފައި ނުވާ ކަމަށް މަޖިލީހުން ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާގެ ވަކީލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ކަމުން އަދީބު ވަކިކުރުމަށް ނެގި ވޯޓާ ބެހޭ ގޮތުން މިއަދު މޫކައި ހޮޓެލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ އަދީބު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގީ އެމަނިކުފާނަށް ދީފައިވާ ހަތް ދުވަހުގެ މުއްދަތު ހަމަ ނުވަނީސް ކަމަށާއި، އެ ވޯޓަކީ ސައްހަ ވޯޓެއް ނޫން ކަމަށެވެ.
ޝަމީމް ވިދާޅުވީ ގާނޫނު ބުނާ ގޮތުން މުއްދަތު ދޭއިރު ދުވަސް ގުނަން ޖެހޭނީ ބަންދު ދުވަސްތައް ނުލައި ކަމަށާއި އެހެން ކަމުން އަދީބު ވަކި ކުރަން ވޯޓު ނެގީ ނޯޓިސް ދިންތާ ފަސް ވަނައަަށް ވީދުވަހު ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ވޯޓަކީ ސައްހަ ވޯޓެއް ނޫން ކަމަށް ބަޔާންކޮށް މަޖިލީހުގެ ރައީސްގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ވެސް ސިޓީ ފޮނުވާފައި ވާނެ ކަމަށާއި މަޖިލީހުން އެ މައްސަލަ ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ގާނޫނު މާނަ ކުރުމުގައި ބޭނުން ކުރަންޖެހޭ ގާނޫނެއް އެބަ އޮވޭ އެއީ ގާނޫނު ނަމްބަރު 4/2011. މި ގާނޫނުގައި ބުނެފަ އެބަވޭ ގާނުނެއްގައި ނުވަތަ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ ހަތް ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެއް ކޮށްފިކަން ކަށަވަރު ކުރުމުގައި ނުވަތަ އެ މުއްދަތު ފަހަނައަޅައި ހިނގައްޖެކަން ކަށަވަރު ކުރުމުގައި ހަތް ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތަކެއް ނުގުނޭނެ އޭ،" ޝަމީމް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ހަތް ދުވަހަށް މުއްދަތު ކުރު ކުރި ނަމަވެސް އެ މުއްދަތު ހަމަވާނީ މިއަދަށް ކަމަށް ޝަމީމް ވިދާޅުވި އެވެ. ނައިބު ރައީސަށް ނޯޓިސް ފޮނުވާފައި ވަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާ ވިދާޅުވީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނުޖެހި ރައްޔިތުންގެ މަޖިލީހުން ގާނޫނާ އެއްގޮތައް އެކަން ކޮށްދެއްވައި އަދީބަށް ނައިބު ރައީސް ކަމުގެ މަގާމު ނުގެއްލޭކަން ނިންމަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޝަމީމު ސަސްޕެންޑް ކުރި މައްސަލައާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ސަސްޕެންޑް ކުރިކަން ސްޕްރީމް ކޯޓުން އޭނާއަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެކަން ސާފު ކޮށްދީ ސަސްޕެންޑް ކުރެވުނީ ކޮންމައްސަލައަކާ ގުޅިގެންކަން ސާފުކޮށްދިނުމަށް މިއަދު ސްޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އަދީބުގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފައިވަނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ކަމަށާއި، މާލެއިން ކޯޓަށް ހާޒިރުވުމަށް ވަކީލަށް އަންގާފައިވީ ނަމަވެސް އަދީބު އިންނެވީ ދޫނިދޫގައި ކަމަށެވެ. އެހެންކަމުން އަދީބާ ވަކީލާ ދެމެދު އެއްވެސް މުއާމަލާތެއް ނުކުރެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ނަމަވެސް އަދީބާ ބައްދަލު ކުރަން ދޫނިދޫއަށް ދިއުމުގެ ފުރުސަތު ވަކީލުންނަށް ލިބޭކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. ޝަމީމަށް އެފުރުސަތު ނުލިބެނީ "ސަސްޕެންޑްކޮށްފައި ކަމަށް ބުނެ" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އަދީބުގެ މައްސަލައިގެ ޝަރީއަތްތައް އިންސާފުން ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ.
"މިހާތަނަށް މިމައްސަލައިގެ ކަންތައްތައް އަދި ޝަރީއަތުގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތަކުންނެއް އިންސާފު ލިބޭނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، އަޅުގަނޑުގެ އެދުމަކީ ކޯޓުތަކުން ވެސް އަދި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވާ ބޭފުޅުން ވެސް އިންސާފުން ކަންކަން ކޮށްދެއްވުން" ޝަމީމް ވިދާޅުވި އެވެ.