މިއަހަރުގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާމެދު މަޝްވަރާކޮށް އެކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ފުލުހުން މަޝްވަރާކޮށްފި އެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން އިސްނަގައިގެން އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ އިއްޒަތްތެރިންނާ ހާޒިރީންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދީ އެއްގަމު ދަތުރު ފަތުރުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

އޭގެ އިތުރުން ސެކިއުރިޓީ ކަންކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުންނާއި ޖަލްސާ ކުރިޔަށްދާ ވަގުތު ދަރުބާރުގެ ހިމެނޭ ސަރަހައްދު މަގުތައް ބަންދު ކުރާނެ ގޮތާއި އެ ސަރަހައްދު ބަންދު ކުރުމުން ޓްރެފިކް ޑައިވާޓް ކުރުމުގެ ކަންކަން ގެންދާނެ ގޮތް މަޝްވަރާ ކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެޖަލްސާގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި އަމާން ކަމާ އޮމާންކަމާއެކު ޓްރެފިކް ފްލޯގެންދަން ޖެހޭނެ ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތައް ވީހާވެސް މަދުކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރަން އިސްކަން ދޭންޖެހޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މާލޭ ސިޓީ ޕޮލިސް އާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މާފަންނު ޕޮލިސް އާއި ގަލޮޅު ޕޮލިސްގެ އިތުރުން ޕޮލިސް މީޑިއާއިން ބައިވެރިވިއެވެ.