09 Nov 2015, 17:21
މިހާރު ކުރިއަށް ދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް ނައިފަރު ޖުވެނިއަލް އާއި އިހަވަންދޫ ކްލަބު ޕޯލްސްޓާއިން ކާމިޔާބުކޮށްފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޖުވެނައިލް މޮޅުވީ އިއްޔެ ހަވީރު ސްޕޯޓްސް ކްލަބް ގުޑީސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ޖުވެނައިލް އިން ސެޓުތައް ކާމިޔާބު ކުރީ 25-18، 25-23 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އައިމިނަތު އަރީޝާ އެވެ.
މިހާރު ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
ރޭ ކުޅުނު މެޗުން އިހަވަންދޫ ޕޯލްސްޓާ މޮޅުވީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މެޗުގެ ސެޓްތައް ގެންދިޔައީ 52-13، 25-10 އަދި 25-14އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބުއާލީ އެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޕޮލިސް ކްލަބާއި ފޮނަދޫ ޒުވާނުންގެ ރޫހެވެ. އަދި މިރޭ ކުޅޭނީ ނައިފަރު ޖުވެނައިލް އާއި ދިއްދޫ ޓީނޭޖް ބޯއިސް އެވެ. ލީގު އުސޫލުން ކުޅެ ގަދަ ހަތަރު ޓީމު ސެމީ އަށް ހޮވޭއިރު ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.