03 Apr 2011, 16:55
ލީބިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިން އުފައްދާފައިވާ ލީބިޔަން ނެޝަނަލް ކައުންސިލަކީ ލީބިޔާގެ ރައްޔިތުން ތަމްސީލްކުރާ ހަމައެކަނި ރަސްމީ ފަރާތްކަމުގައި ދިވެހި ސަރުކާރުން މިއަދު ބަލައިގެންފި އެވެ.
ދެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި އާއްމުކުރި ބަޔާނެއްގައިވާ ގޮތުގައި ލީބިޔާގެ ރައްޔިތުން ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި ލީބިޔަން ނެޝަނަލް ކައުންސިލް ބަލައިގެންފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހު ގަތަރު ސަރުކާރުން ބަލައިގަނެ ގަލްފް ކޯޕަރޭޝަންގެ ރައީސް އެކަމަށް ތާއީދުކުރައްވާފައި ވަނިކޮށެވެ. އަދި ފަރަންސޭސިވިލާތުން ވެސް ވަނީ ލީބިޔާ ރައްޔިތުން ތަމްސީލްކުރާ ހަމައެކަނި ރަސްމީ ފަރާތަކީ ލީބިޔަން ނެޝަނަލް ކައުންސިލް ކަމުގައި މާޗް 10 ވަނަ ދުވަހު ބަލައިގެންފަ އެވެ.
"ދިވެހި ރާއްޖެ އިން އަބަދުވެސް ތާއީދުކުރާނީ އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވާ ބަޔަކަށް. ލީބިޔަން ނެޝަނަލް ޓްރާންސިޝަން ކައުންސިލް މިހާރު ވެފައި ވަނީ ލީބިޔާ އާއި އެ ގައުމުގެ ރައްޔިތުން ތަމްސީލްކުރާ ރަސްމީ ފަރާތަށް،" ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ލީބިޔަން ނެޝަނަލް ޓްރާންސިޝަން ކައުންސިލް ބަލައިގެންފައި ވަނީ މައިގަނޑު ދެ ކަމަކަށް ރިއާޔަތްކުރައްވައިގެން ކަމަށް ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ އަހުމަދު ނަސީމު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ފުރަތަމަ ކަމަކީ ރާވައިގެން ފުޅާ ދާއިރާއެއްގައި ގައްޒާފީގެ ބާރުތަކުން އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާތީ ލީބިޔާގައި ވެރިކަން ކުރުމުގެ ގާނޫނީ ހައްގު ގައްޒާފީގެ ސަރުކާރަށް ނެތްކަން ގަބޫލުކުރުން ކަމަށް ނަސީމު ވިދާޅުވެފައިވެ އެވެ.
ނަސީމް ވިދާޅުވެފައިވާ ގޮތުގައި ދެ ވަނަ ސަބަބަކީ ލީބިޔާގެ އެކި ކަންކޮޅުތަކުގައިވާ ލީބިޔަން ނެޝަނަލް ޓްރާންޝިނަލް ކައުންސިލް ތަމްސީލްކުރާ އެންމެހާ ފަރާތްތަކަކީ ލީބިޔާ ރައްޔިތުން ތަމްސީލްކުރާ ފަރާތްކަމުގައި ލީބިޔާގެ ގިނަ ރައްޔިތުން ގަބޫލް ކުރުމެވެ.
ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ހުޅަނގުގެ ބާރުތަކުން މިހާރު ވެސް ދަނީ ލީބިޔާ އަށް ވައިގެ ހަމަލާތައް ދެމުންނެވެ.