09 Nov 2015, 16:31
(6 ނޮވެމްބަރުގެ އަދަދާ ގުޅޭ)
އިސްލާމްދީނުގެ ނަބިއްޔާއާއިأمّهـات المـؤمنـينން
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ސާފުތާހިރު ދިރިއުޅުއްވުންވަނީ ތާރީޚުގެ ފުރިހަމަ އަލިކަމުގެ ތެރޭގައެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ލޭފޮދަށް ފެންބޮވައިގެންފައިތިބި ދުޝްމަނުންވެސް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެއްވެސްކަހަލަ އަޚްލާޤީ އިލްޒާމެއް އަޅުވައިފައެއް ނުވެއެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނަތްތެރިކަމާއި، ޚުލުޤުފުޅު މާތްކަމަށް އަބަދުވެސް އިޢުތިރާފުވިއެވެ. އެއްވެސް ބާވަތެއްގެ އެއްވެސްކަހަލަ ނަފްސާނީ ލައްޒަތެއް ހޯއްދަވަން އުޅުއްވިކަމަކަށް އެއްވެސް ސިފައެއްގައި އެއްވެސް މިންވަރަކަށް ވާހަކަ ދައްކައިފައެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެންމެ އަވަދިނެތި، އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ދުވަސްވަރު އެކަލޭގެފާނު ގިނަ ކާވެނިފުޅުތަކެއް ކުރެއްވީ، އެކަލޭގެފާނާ މަތިކުރެވުނު ނަބީކަމާއި އިސްލާމީ ދައުލަތެއް ބިނާކުރެއްވުމުގެ މަސްއޫލިއްޔަތުގެ މަޞްލަޙަތާ ގުޅިގެންކަން ޤަބޫލުކުރެއެވެ.
މިހައިތަނުން އަޅުގަނޑު މަސައްކަތްކުރާނީ އަޅުގަނޑުމެންގެ ލޮބުވެތި ޙަބީބުصلّى اللّـه عليه وسلّمގިނަ ކާވެނިފުޅުތަކެއް ކުރެއްވީ ކީއްވެގެންކަން ހާމަކޮށްދެވޭތޯއެވެ. އެ ކާވެނިފުޅުތަކަކީ ޝަހްވަތްތެރިކަމުގެ ކާވެނިފުޅުތަކެއްކަން ނުވަތަ ނޫންކަން ބަޔާންކުރެވޭތޯއެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، އިންސާނުންގެ ފިޠުރީ ބާރުތައް އިންސާނުންގެ މައްޗަށް ގަދަވުން ޢާއްމުވެފައި އޮންނަ ޢަރަބިކަރައިގެ ހޫނު ސަރަޙައްދުގައެވެ. އެ ސަރަޙައްދުގެ މީހުން ދާދި ޅަފަތުގައި ޖިސްމާނީގޮތުން ފުރިހަމަވެއެވެ. ބާލިޣުވެއެވެ. ޖިސްމާނީ އެދުންތައް ފުރިހަމަ ކުރުމާއި، ނަފްސާނީ ލައްޒަތު ލިބިގަތުމަކީ ޢަރަބީންގެ މެދުގައި އެދުވަސްވަރު ނުހަނު މިނިވަންކަމާއެކު ތަންމިނަށް ހުޅުވިފައި އޮތްކަމެކެވެ. ނަމަވެސް، އެފަދަ ޖައްވެއްގައި، އުމުރުފުޅުން ފަންސަވީސް އަހަރު ފުރެންދެން އުޅުއްވިއިރުވެސް، އެކަލޭގެފާނުގެ ކާވެނިފުޅުގެ ކުރީން، އަންހެނެއްގެ ގައިގައި އަތްޕުޅު ބީއްސަވައެއްވެސް ނުލައްވައެވެ. މައްކާގެ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ހަރު މުސްކުޅިޔާވެސް އެމާތް ސާހިބާގެ ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަން ޤަބޫލުކުރެއެވެ. އެމާތް ސާހިބާގެ ޚުލުޤުފުޅު މާތްކަމާއި ތެދުވެރިކަމަށް އިޢުތިރާފުވެއެވެ. އެއުރެން އެކަމާ ޤަބޫލުވެ އެންމެން ލޮލުން ބޮލުން އެދިގެން އެމާތް ސާހިބާއަށް އަރުވައިފައިވާ ނަންފުޅަކީالصّادقއެވެ.الأمينއެވެ.
- އިތުރު ސާހިބާصلّى اللّـه عليه وسلّمމައްކާގެ ހޫނު އާބުހަވާގައި އެކަލޭގެފާނުގެ އަލަތު ކާވެނިފުޅު ކުރެއްވީ، ކުރީންވެސް ދެންނެވިފަދައިން، އުމުރުފުޅުން ފަންސަވީސް އަހަރުފުޅުގައެވެ. އެކަލޭގެފާނުގެ އަލަތު އަނބިކަނބަލުންالسيّدة خديجــة الطّاهــرةއަކީ ދެފަހަރަށް ހުވަފަތްވެވަޑައިގެންފައި އިންނެވި މެދުއުމުރުގެ ބޭކަނބަލެކެވެ. ތުއްޕުޅު ބޭފުޅުންކޮޅެއްގެ މައިކަނބަލެކެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަށްވުރެ ފަނަރަ އަހަރު ދޮށިފުޅު ބޭކަނބަލެކެވެ. އެކަމަނާއާ ކާވެނި ބައްލަވައިގަތުން އެދިވަޑައިގެން، އިތުރު ސާހިބާގެ އަރިހަށް އެކަމުގެ ހުށަހެޅުއްވުން ފޮނުއްވީވެސް،السيّدة خديجــة الطّاهــرةއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއަކީ ޤުރައިޝުންގެ އެންމެ ކަމޭހިތެވޭ އެއް ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅުގެ މާތްކަމާއި، ވިސްނުންފުޅު ތޫނުކަމާއި، މިނޫންވެސް ޤަދަރުކުރެވޭ އިންސާނީ ހުރިހާ މޮޅު ސިފަތަކެއްގައި މައްކާގައި އެފަދަ ދެވަނައެއްނެތް ބޭކަލެކެވެ. ނަލަކަމާއި ރީތިފުޅު ކަމުގައިވެސްيوسف عليه السّلامއަށް އަންހެންކުދީންގެ ފަރާތުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިފަދަ އުނދަގޫފުޅުތަކަށް ހުށަހެޅިވަޑައިގަންނަވާފަދަ ބޭކަލެކެވެ. އެހެންކަމުން، އެކަލޭގެފާނު ބޭނުންފުޅުވިނަމަ، މައްކާގެ އެންމެ ރީތި، އެންމެ ފަރި، އެންމެ ޅަފުރައިގެ އަންހެންކުދީންގެ ތެރެއިން އަނބިކަނބަލަކު ހާސިލުކުރެއްވުމަކީ އެމާތް ސާހިބާއަށް ކުޑަކޮށްވެސް ދަތިފުޅުކަމަކަށް ނުވީހެވެ. މައްކާގެ ޤަދަރުހުރި ޢާއިލާތަކުން ތިބީ އެކަމަށް ލޮލުން ބޮލުން އެދިއެދިވެސްމެއެވެ.
ކަންމިހެން ހުރުމާއެކުވެސް، ކުރީންވެސް ދެންނެވި ފަދައިން، އެމާތް ސާހިބާ ކާވެނިބެއްލެވީ، ހުވަފަތްވެވަޑައިގެންފައި އިންނެވި ހަރު ބޭކަނބަލަކާއެވެ. އިތުރު ސާހިބާގެ އެންމެ ޒުވާން އުމުރުފުޅު (ފަންސަވީސް އަހަރުފުޅުން ފެށިގެން ފަންސާސް އަހަރުފުޅާ ހަމަޔަށް) ހޭދަކުރެއްވީ، އެ އަނބިކަނބަލުންނާ އެކުގައެވެ. ޤަރުނެއްގެ ހަތަރުބައިކުޅަ އެއްބައި ވޭތުވިއިރުވެސް، އެކަމަނާއާމެދު ބެހެއްޓެވި ހަންހާރަވެތިކަމަކަށް ރެވިއޮށްޓަރެއްގެ މިންވަރުވެސް ފަރަޤެއް ނުކުރައްވައެވެ. އެކަމަނާ އަވަހާރަވުމަށްފަހުވެސް އެކަމަނާގެ ހަނދުމަފުޅު އާރޯކަމުގައި ދެމެހެއްޓެވިއެވެ. އެފަދަ ބޭކަލަކު އުމުރުފުޅުން ފަންސާހަށްވުރެ މައްޗަށް ދިޔަފަހުން ކުރެއްވި ކާވެނިފުޅުތަކެއްގައި ޝަހުވަތްތެރިކަމުގެ ލޭބަލް ތަތްކުރުމަކީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟
އިތުރު ސާހިބާގެ ބޭފުޅުންކުރެ އެންމެ ހަގު ދަރިކަލުން ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ މައިކަނބަލަކީ، އިތުރު ސާހިބާގެ މިދެންނެވި އަނބިކަނބަލުންނެވެ. އެ އަނބިކަނބަލުންގެ އުމުރުފުޅު 65 އަހަރުފުޅު ވީފަހުން، އެކަމަނާ އަވަހާރަވިއިރުވެސް، އެ މާތް ސާހިބާ ދެވަނަ ކާވެނިފުޅެއް ނުކުރައްވައެވެ. ދެވަނަ، ތިންވަނަ އަނބިކަނބަލަކު ހޯއްދެވުމަކީ އެޒަމާނުގެ އިރުމަތީގެ ޤައުމުތަކުގެ ޢާއްމު އާދަކާދަ ކަމުގައި ވެފައި އޮތްއިރުވެސްމެއެވެ. އެހެން އަންހެނަކާ ގުޅުމެއްވެސް ނުބާއްވަވައެވެ.
މުސްލިމުންނާމެދު ޢަދާވަތްތެރި ކަމުގައި މަޝްހޫރުވެފައިވާ އާރިޔާ ސަމާޖުގެ ލީޑަރ ރާޖުޕާލަކީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمބަދުނާމުކުރުމަށް ފޮތެއް ލިޔެފައިވާ މުޞަންނިފެކެވެ. އެފޮތުގެ ނަން ލިޔުމަކީވެސް ކުފުރެއްކަމުގައި ބެލެވޭފަދަ ފޮތެކެވެ. އެފޮތުގައި އޭނާ ވަނީ، އިސްލާމްދީނުގެ ނަބިއްޔާއަކީ، ދުނިޔެއިން މޮޔަފުޅުވެފައި ހުންނެވި ޢަޞަބީ ބޭކަލެއްކަމުގައި ހަދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ކައުސާހިބާصلّى اللّـه عليه وسلّمގެ ސާފުތާހިރު ޢާއިލީ ދިރިއުޅުއްވުމަށް އިޢުތިރާފުނުވެ، އޭނާއަށްވެސް ފަރަކު ނުޖެހުނެވެ. އޭނާ ލިޔެފައިވެއެވެ.
"محمّدގެ (صلّى اللّـه عليه وسلّم) އެންމެފުރަތަމަ ކާވެނި ކުރެވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ފަންސަވީސް އަހަރުފުޅުގައެވެ. މިތާނގައި އާރިޔާ ސަމާޖީން ޤަބޫލުކުރާންޖެހެނީمحمّد(صلّى اللّـه عليه وسلّم) ގެ ޙަޔާތްޕުޅުގެ އެންމެ ފުރަތަމަ ދައުރު ހޭދަކުރެއްވީ ޝާސްތަރު (ހިންދީންގެ ދީނީ ފޮތެއް) ގައިވާ ފަދައިން، އަންހެނުންނާ އެކަހެރިވެވަޑައިގެންކަމެވެ. އަހަރެމެންނަކީ ދުނިޔެ ދޫކޮށްލައިފައިތިބޭ ބަޔަކު ކަމުގައިވިޔަސް، އެކަލޭގެފާނަށް ކާވެނިކުރެއްވުމުގެ ޙައްޤު އޮތެވެ. އެކަލޭގެފާނުގެ ޒަވާޖީ ޙަޔާތްޕުޅުގެ އެންމެ ޒުވާން ފަންސަވީސް އަހަރު ހޭދަކުރެއްވީ، އެންމެ އަނބިކަނބަލެއްގެ މައްޗަށް ފުއްދައިލައްވައިގެންނެވެ. އެކަމަނާއަކީވެސް ދެފިރިކަލަކު އަވަހާރަވެ، ދެފަހަރުމަތީން ހުވަފަތްވެވަޑައިގެންފައި އިންނެވި ބޭކަނބަލެކެވެ.محمّدގެފާނު އެކަމަނާއާ ކާވެނި ބެއްލެވިއިރުވެސް، އެކަމަނާގެ އުމުރުފުޅަކީ ސާޅީސް އަހަރެވެ. އެކަމަނާ އަވަހާރަވީ، ފަސްދޮޅަސް ފަސްއަހަރު ފުޅުގައެވެ. އެ ޒުވާން ފިރިހެނާ ދިރިއުޅުއްވީ، އެ މުސްކުޅި އަންހެނާއާ އެކުގައެވެ. މިއީمحمّد(صلّى اللّـه عليه وسلّم) ގެ ޠާހިރު ޢާއިލީ ދިރިއުޅުއްވުމަށް ދަލީލުކުރާ ކަމެކެވެ."
(މިވާހަކަކޮޅު ނަކަލުކުރެވިފައިވަނީ، ރާޖުޕާލުގެ ފޮތަށް ޖަވާބު ދެއްވުމުގެ ގޮތުންمحمّد إسماعيل قريشى-އެޑްވޮކޭޓް- ލިޔުއްވި "ނާމޫސެرسول اللّـه صلّى اللّـه عليه وسلّمއައުރެ ޤާނޫނެ ތައުހީނެ ރިސާލަތު" މިފޮތުގެ އަލްފައިޞަލް ލާހޫރުން 1994 ގައި ޗާޕުކޮށްފައިވާ ފޮތުގެ 72 ވަނަ ޞަފްޙާއިންނެވެ.)
މަޝްހޫރު ޔޫރަޕިއަން ސްކޮލަރ ޖޯން ޑެވެންޕޯޓް (John Daven Port) އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ އެޕޮލޮޖީ ފޮރمحمّد(صلّى اللّـه عليه وسلّم) އެންޑް ޤުރްއާން (Apology for Muhammad and the Quran) ގައި ޙަޤީޤަތަށް އިޢުތިރާފުވެވަޑައިގަތުމުގެ ގޮތުން ލިޔުއްވައިފައިވެއެވެ.
"ބުނެވޭގޮތުގައިمحمّد(صلّى اللّـه عليه وسلّم)خديجــةއަވަހާރަވުމަށްފަހު އެގާރަ ބާރަވަރަކަށް ކާވެނި ކުރެއްވިއެވެ. (ބައެއް އޮރިއެންޓަލިސްޓުން ކައުސާހިބާގެ ކާވެނިފުޅުތައް އަދަދުކުރަނީ، އެކަލޭގެފާނުގެ ޖާރިޔާއިންވެސް ހިމަނައިގެންނެވެ.) އެކަމާހުރެ އެކަލޭގެފާނާ އިދިކޮޅު ބައެއް މުއައްރިޚުން އެކަލޭގެފާނަށް ވަރަށްބޮޑަށް އިޢުތިރާޟުކުރެއެވެ. އެކަލޭގެފާނުގެ އެ ކާވެނިފުޅުތައް ޝަހުވަތަށް އަޅުވެތިވެވަޑައިގަތުމަށް ނިސްބަތްކުރެއެވެ. ނަމަވެސް، އެކަލޭގެފާނުގެ އެ ކާވެނިފުޅުތަކަކަށް އެނަމެއް ނުދެވޭނެއެވެ. އެކަމަކީ ވިޔާނުދާ، ހުތުރުކަމެކޭވެސް ނުބުނެވޭނެއެވެ. އެހެނީ އެކަމަކީ ޢަރަބީންނާއި އިރުމަތީގެ މީހުންގެ މެދުގައި އެދުވަސްވަރު ޢާއްމު ކަމެކެވެ. މީގެއިތުރަށް، ހަނދާންކުރަންޖެހެނީ، އެކަލޭގެފާނު ޢުމުރުފުޅުން ފަންސަވީސް އަހަރުފުޅުން ފެށިގެން ފަންސާސް އަހަރުފުޅުގެ ނިޔަލަށް ހުންނެވީ އެންމެ އަނބިކަނބަލެއްގެ މައްޗަށް ފުއްދައިލައްވައިގެންކަމެވެ. އަހަރެން ސުވާލުކުރަން ބޭނުމެވެ. އެމީހެއްގެ ޤައުމުގައި އެއް އަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާ އިނުން ހުއްދަ ޤައުމެއްގެ ޝަހުވަތަށް އަޅުވެތިވެފައިވާ މީހަކަށް، ޢުމުރުން ފަންސާސް އަހަރު ވަންދެން އެންމެ އަނތްބަކުން ފުއްދައިލައިގެން ހުރެވޭނެހެއްޔެވެ؟"
(John Davenport/An Apology for Muhammad And
The Quran, Lahor, 1975, P-25,26)
أمّ المؤمنين السّيّدة خديجة الكبرى رضى اللّـه عنها
އަވަހާރަވުމުގެ ހިތާމަވެރި ޙާދިޘާ ހިނގިއިރު އެކަމަނާގެ އުމުރުފުޅަކީ ފަސްދޮޅަސް ފަސްއަހަރުފުޅެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ އުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ.أمّ المؤمنينއަވަހާރަވުމަށްފަހު އިތުރު ސާހިބާ ދުވަސްކޮޅެއްވަންދެން ހުއްސަރިބައިފުޅަށް ހުންނެވިއެވެ. އޭރު އެކަލޭގެފާނުގެ ތުއްޕުޅު ދެދަރިކަނބަލުން ތިއްބެވިއެވެ. އިތުރު ސާހިބާ ގެންދެވީ، އެކަލޭގެފާނުގެ ރިސާލަތުގެ މަސްއޫލިއްޔަތު އަދާކުރައްވައި، އިންސާނިއްޔަތަށް ހިދާޔަތު ދައްކަވަން ނުހަނު ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. މައްކާގެ މުޝްރިކުން ގެންދިޔައީ، އިތުރު ސާހިބާގެ ގަނޑުވަރަށް ކުނިބުނި އުކައި، އަހްލުބައިތުންނަށްވެސް ޖެއްސުން ކުރަމުންނެވެ. އިތުރު ސާހިބާގެ ތުއްޕުޅު ދެ ދަރިކަނބަލުން ބަލަހައްޓަވައި ގަނޑުވަރުގެ ކަންތައް ހިންގަވައިދެއްވާނެ އެހީތެރިޔަކު ހޯއްދެވުން ޙާލަތު މަޖްބޫރު ކުރެއެވެ. އެހެންކަމުން، އިތުރު ސާހިބާصلّى اللّـه عليه وسلّمأمّ المؤمنين السّيّدة سودة بنت زمعة رضى اللّـه عنهاއާ ކާވެނި ބައްލަވައިގެންނެވިއެވެ.
أمّ المؤمنين السّيّدة سودةއާއި އެކަމަނާގެ ފިރިކަލުންسكران بن عمرو رضى اللّـهއަކީ އިސްލާމްދީނަށްޓަކައި އިސްނަންގަވައި ކުރިޔަށް ނުކުމެވަޑައިގެންނެވި ދެކަނބަލުންނެވެ. މައްކާގެ މުޝްރިކުންގެ ދުއްތުރާލާހުރެ އެ ދެކަނބަލުން ޙަބަޝާއަށް ހިޖްރައަށް ވަޑައިގެންނެވިއެވެ. އެ ދެކަނބަލުން ހަބަޝާގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު މައްކާއަށް އެނބުރިވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއްނުވެ،سكرانއަވަހާރަވެއްޖެއެވެ. (ބައެއް ރިވާޔަތްތަކުގައިވާގޮތުން،سكرانއަވަހާރަވީ، ޙަބަޝާގައެވެ.)
السّيّدة سودةގެ ބައްޕާފުޅާއި، އަޚުعبداللّـه بن زمعـةއޭރު ތިއްބެވީ ޤައުމުގެ މީހުންގެ ދީންމަތީގައެވެ.سودةއަކީ ގިނިކަންޏާ ތުއްޕުޅު ބޭފުޅުންކޮޅެއް ބައްލަވަމުން ގެންދެވި ބޭކަނބަލެކެވެ. ޚުދު އެކަމަނާވެސް އިންނެވީ އެހީތެރި ވާގިވެރިޔަކަށް ބޭނުންފުޅުވެފައެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއާ ކާވެނިބައްލަވައިގަންނަވައި، ޚުދު އެކަމަނާއަށްވެސް އެހީތެރިވެވަޑައިގެން ދެއްވީއެވެ.
أمّ المؤمنين السّيّدة سودة رضى اللّـه عنهاއަކީ އިސްކޮޅުފުޅު ދިގު، ސަމައްތަރު ހެޔޮ ބޭކަނބަލެކެވެ. ކާވެނިފުޅަކަށް ދަޢުވަތު ލިބިވަޑައިގަންނަވާވަރަށްވުރެ މުސްކުޅިފުޅު ބޭކަނބަލެކެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއާ ދާދި އެކުއެކުގައިأمّ المؤمنين السّيّدة عائشة رضى اللّـه عنهاއާވެސް ކާވެނިބައްލަވައިގެންނެވިއެވެ. (أمّ المؤمنين السّيّدة سودة رضى اللّـه عنهاއާއިالسّيّدة عائشة رضى اللّـه عنهاއާ ދެބޭފުޅުންކުރެ ކައުސާހިބާ ކުރިން ކާވެނިބައްލަވައިގެންނެވި ބޭކަނބަލަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ.) ކޮންމެއަކަސްالسّيّدة عائشة رضى اللّـه عنهاއިންނެވީ ބައްޕާފުޅުގެ އަރިހުގައި، އަމިއްލަފުޅު ގެކޮޅުގައެވެ. އެހެންކަމުން، އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ޢުމުރުފުޅުގެ އިތުރު ފަސްއަހަރުފުޅުގެ މުސްކުޅިފުޅު އަނބިކަނބަލެއްގެ ޞުޙުބަތުގައި ހޭދަކުރެއްވިއެވެ. އިތުރު ސާހިބާގެ އުމުރުފުޅުން ފަންސާސްފަސް އަހަރުފުޅުވީއިރުވެސް، އިތުރު ކާވެނިފުޅެއް ނުކުރައްވައެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގެ ޢުމުރުފުޅުން ފަންސާސްފަސް އަހަރުފުޅާއި ފަންސާސްނުވަ އަހަރުފުޅާ ދެމެދު އަށް ކާވެނިފުޅެއް ކުރެއްވިއެވެ. އިތުރު ސާހިބާގެ ޙަޔާތްޕުޅުގެ އެންމެފަހު ހަތަރު އަހަރު، އިތުރު ކާވެނިފުޅެއް ނުކުރައްވައެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގިނަ ކާވެނިފުޅުތަކެއް ކުރެއްވި ފަސްއަހަރެއްހައި ދުވަހުގެ މުއްދަތަކީ، އެމާތް ސާހިބާގެ ޙަޔާތްޕުޅުގައި އެންމެ އަވަދިނެތި އުޅުއްވި ދުވަސްވަރެވެ. އެންމެގިނަ، އެންމެ ބޮޑެތި މަސްއޫލިއްޔަތުތަކެއް އުފުއްލެވި ދުވަސްވަރެވެ. އިސްލާމީ ދައުލަތެއް ބިނާކުރައްވައި، އެ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ބިންގަލުން ފެށިގެން ބިނާކުރެއްވުމެވެ. އިސްލާމީ ޤާނޫނު ޝަރުޢުކުރެވި، ޝަރަޙަ ކުރެއްވުމެވެ. ޢަޤީދީގޮތުންނާއި، އަޚްލާޤީގޮތުން އިސްލާމީ އުންމަތް ތަރުބިޔަތު ކުރައްވައި، ތަހުޒީބު ކުރެއްވުމެވެ. އިސްލާމީ ދައުލަތުގެ ދިފާޢީ ބާރެއް އުފައްދަވައި، ސިފައިން ތަމްރީނު ކުރެއްވުމެވެ. ހަނގުރާމައިގެ މައިދާނުގައި އެ ލަޝްކަރު ކޮމާންޑް ކުރެއްވުމެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ ނުބައި ރޭވުންތަކާއި، ނުރައްކާތެރި ޙަމަލަތަކުން މުސްލިމުންނާއި އިސްލާމީ ދައުލަތް ދިފާޢު ކުރެއްވުމެވެ. އިސްލާމީ ދައުލަތުގެ ރައްޔިތުންގެ ޚުޞޫމަތުތައް ބައްލަވައި ނިޔާކަނޑައެޅުއްވުމެވެ. މުސްލިމުންނާއިގެން އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމެވެ. މިނޫންވެސް މިފަދަ އެތައް މަސްއޫލިއްޔަތެއް އުފުއްލެވުމެވެ.
އިތުރު ސާހިބާصلّى اللّـه عليه وسلّمމިފަދަ ޙާލަތެއްގައި ކުރެއްވި ކާވެނިފުޅުތަކެއް ޝަހުވަތްތެރިކަމުގެ ޖަޒުބާތާއި ޢައްޔާޝީކަމާ ގުޅުވުމަކީ ކަނޑައެޅިގެން އިންސާފުން އެއްކިބާވުމެވެ. ޢަދާވަތްތެރިވުމެވެ. ދޮގު ހެދުމެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ޠާހިރު ސީރަތު ލިޔުއްވި ޣައިރު މުސްލިމެއްކަމުގައިވާ ޖޯން ބަގޮޓް (John Bagot) (އޭނާ މަޝްހޫރުވެފައިވަނީ ޖަނަރަލް ގަލްޕް ޕާޝާގެ ނަމުންނެވެ.) އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ “The Life and Times of Muhammad” ގައި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި މާތް ސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ޢުމުރުފުޅުން 55 އަހަރުފުޅާއި 59 އަހަރުފުޅާ ދެމެދު ކުރެއްވި ކާވެނިފުޅުތަކާމެދު ޚިޔާލުފާޅު ކުރައްވަމުން ލިޔުއްވައިފައިވެއެވެ.
"އެކަލޭގެފާނުގެ އަނބިކަނބަލުންގެ އަދަދު އިތުރުކުރެއްވީ، އެކަލޭގެފާނުގެ ޢުމުރުފުޅުން ފަންސާސްފަސް އަހަރުފުޅު ވީފަހުންނެވެ. ފާހަގަކޮށްލަން އެކަށީގެންވާ ކަމަކީ،السّيّدة عائشةފިޔަވައި އެކަލޭގެފާނު ކާވެނިބެއްލެވި އެހެން ހުރިހާ ބޭކަނބަލުންނަކީވެސް ހުވަފަތްވެފައި ތިއްބެވި (ނުވަތަ ކާވެނި ރޫޅިފައި ތިއްބެވި) ބޭބޭކަނބަލުންކަމެވެ. އޭގެތެރެއިން ގިނަ ބޭކަނބަލުންނަކީ ރީތިކަމުން މަޙްރޫމުވެފައިވާ މެދުއުމުރުގެ ބޭކަނބަލުންނެވެ. އެއްބަޔަކު ބުނާގޮތުގައި، އެކަލޭގެފާނު އެކަކަށްފަހު އަނެކަކާ ކާވެނިބައްލަވަމުން ގެންދެވީ، ފިރިހެން ދަރިކަލަކު ހޯއްދެވުމުގެ ބޭނުންފުޅުގައެވެ. މިގޮތަށް ވާހަކަ ދައްކާ މީހުންގެ ވާހަކަ ތެދުނަމަ، އެކަލޭގެފާނު ކާވެނިބެއްލެވީހީ ޒުވާން ކުދީންނާއެވެ. ދަރިކަލަކު ހޯއްދެވުމުގެ މަޤްޞަދު ރަނގަޅަށް ފުރިހަމަ ކުރެއްވުނީހީ އޭރުންނެވެ. އަނެއްބަޔަކު ބުނާގޮތުގައި، އެކަލޭގެފާނު އެ ކާވެނިފުޅުތައް ކުރެއްވީ، ސިޔާސީ މަޞްލަޙަތު ތަކަކަށްޓަކައެވެ. އަނެއްބަޔަކު ބުނާގޮތުގައި، އެކަލޭގެފާނުގެ ބޭނުންފުޅަކީ، ހަނގުރާމަތަކުގައި އެބަޔެއްގެ ފިރީން މަރުވެފައިވާ އަންހެނުންނާއި އެބައިމީހުންގެ ޅަދަރިންނަށް އެހީވެދެއްވުމެވެ."
އޭނާ އަދިވެސް ލިޔުއްވައިފައިވެއެވެ.
"އެކަލޭގެފާނުގެ ޒުވާން އުމުރުފުޅުގައިخديجةގެފާނުގެ ފަރާތްޕުޅުން ވަނީ ހަބޭފުޅުން ލިބިވަޑައިގެންފައެވެ. ނަމަވެސް، އޭގެފަހުން ކާވެނިބެއްލެވި އެއްވެސް އަނބިކަނބަލެއްގެ ފަރާތްޕުޅަކުން ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. ބޭފުޅަކު ލިބިވަޑައިގަތީ ހަމައެކަނި މިސުރުގެ އަންހެންކުއްޖެއްގެ ފަރާތުންނެވެ. އެކަލޭގެފާނުގެ ގިނަ އަނބިއަނބިކަނބަލުންނަކީ، ޒުވާން ބޭކަނބަލުން ކަމުގައި ނުވިޔަސް، ދަރިމައިވުމުގެ އެކަށޭނަކަންހުރި ބޭކަނބަލުންނެވެ. (ބޭފުޅުން ލިބިވަޑައިގެންފައި ތިއްބެވިވެސް ބޭކަނބަލުންނެވެ.) އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެ ދާއިރާއަށް މާބޮޑު ސަމާލުކަމެއް ދެއްވޭވަރަށް މަދީނާގައި އުޅުއްވާކަށެއް އެކަލޭގެފާނަކަށް ވަގުތެއްވެސް ލިބިވަޑައެއް ނުގަންނަވައެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ ޢުމުރުފުޅު އޭރު ވަނީ ފަންސާހަށްވުރެ މައްޗަށް ގޮސްފައެވެ. އެކަލޭގެފާނު ހުންނެވީ ވިސްނުންފުޅުގެ ގޮތުންވެސް ޖިސްމާނީ ގޮތުންވެސް އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅު، އުންމަތަށް ވަޤުފު ކުރައްވައިގެންނެވެ. ވަގުތުގެ މުހިންމު ގޮށްތައް މޮހަމުން ގެންދަންޖެހިފައިވާ އަދި ނާޒުކު ޙާލަތްތަކަކުން ވަށައިލެވިފައިވާ މީހުންނަކީ، ދަރީންގެ ސިފައިގައި ނަތީޖާ ފެންނަފަދަ ޖިންސީ އެދުންތަކުން އަމިއްލަޔަށް އެކަހެރިވާ ބައެކެވެ. އެއީ އުންމަތަށްޓަކައިވާ ޤުރްބާނީގެ ބާވަތެކެވެ."
އަދިވެސް ލިޔުއްވައިފައިވެއެވެ.
"އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީ، ފަސްދޮޅަސްތިން އަހަރުގެ އުމުރުފުޅުގައެވެ. އޭރު އެކަލޭގެފާނުގެ އެގާރަ އަނބިކަނބަލުން (ދެ ޖާރިޔާ އަނބިކަނބަލުންނާއެކު) ތިއްބެވިއެވެ. އެ އަދަދަށް އަނބިކަނބަލުން ތިއްބެވީތީ، އެކަމާހުރެ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ޢައްޔާޝީކަމުގެ އިލްޒާމު އެޅުވުމަކީ ކަނޑައެޅިގެންހުރި ބޭއިންސާފެކެވެ."
ކައުސާހިބާصلّى اللّـه عليه وسلّمގެ ދުޝްމަނުންވެސް މި ޙަޤީޤަތަށް އިޢުތިރާފުވެފައިވާތަން އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ.
(ނުނިމޭ)