09 Nov 2015, 15:46
ނުރައްކާތެރި މިންވަރަކަށް ލެޑް ހުރުމުގެ ސަބަބުން މީގެ ފަސް މަސް ކުރިން އިންޑިއާގައި ވިއްކުން މަނާކުރި މެގީ ނޫޑުލްސް އަނެއްކާވެސް ބާޒާރަށް ނެރެފި އެވެ.
ސުވިޒަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ނެސްލޭގެ އިންޑިއާ ގޮފިން މިއަދު ބުނި ގޮތުގައި ކާނާގެ ރައްކާތެރިކަމާ ބެހޭ ތިން އިދާރާއަކުން ވަނީ މިހާރު ނެރޭ މެގީ ނޫޑުލްސު ޓެސްޓު ކޮށްފަ އެވެ.
"މެގީ ވަނީ މިއަދު ބާޒާރު ތަކަށް ނެރެފަ. ފާއިތުވު ދުވަސްކޮޅަކީ ނެސްލޭ އަށް ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހުނު ދުވަސްކޮޅެއް ކަމުން މެގީ ބާޒާރަށް ނެރެވޭ ގޮތް ވުމުން ވަރަށް ހިތްހަމަޖެހޭ،" ނެސްލޭ އިންޑިއާއިން ދިން ބަޔާނެއްގައިވެ އެވެ.
އިންޑިއާގެ 8 ސްޓޭޓެއްގައި މެގީ ނޫޑުލްސް މަނާކޮށްފައި ވުމުން އަދި އެ ސްޓޭޓު ތަކަށް މެގީ ނޫޑުލްސް ނުލިބޭނެ ކަމަށް ނެސްލޭ އިން ބުންޏެވެ. އެކަމާބެހޭ ގޮތުން މިހާރު އެ ސްޓޭޓު ތަކާއި ވާހަކަ ދައްކަމުން ދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މެގީ ނޫޑުލްސް ވިއްކުން ހުއްޓާލުމަށް އިންޑިއާގެ ސިއްހީ ވުޒާރާއިން އަމުރު ކޮށްފައި ވަނީ ޓެސްޓު ތަކުން މެގީ ނޫޑުލްސްގައި މާ ގިނައިން ލެޑް ހުރިކަމަށް ދެއްކުމުން ޖޫންގައެވެ.
ނެސްލޭ އިންޑިއާއިން އެންމެ ފުރަތަމަ އެ ތުހުމަތުތައް ދޮގު ކުރި އެވެ. ނަމަވެސް ކެއުމަށް ނުރައްކާތެރިކަމަށް ކާނާގެ ރައްކާތެރިކަމާ ބެހޭ އިދާރާއިން ނިންމުމުން 400 މިލިއަން މެގީ ނޫޑުލްސް ޕެކެޓް ނައްތާލަން އެ ކުންފުންޏަށް ޖެހުނެވެ. އޭގެ ސަބަބުން ކުންފުންޏަށް 67 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.
މެގީ ނޫޑުލްސް އަކީ ސްކޫލް ކުދިންނާއި، ކޮލްޖެ ދަރިވަރުންނާއި، ޒުވާން ކުދިންގެ މެދުގައި މަޝްހޫރު ލުއި ކާނާ އެކެވެ.
ނެސްލޭއިން އިންޑިއާ އަށް މެގީ ތައާރަފް ކޮށްފައި ވަނީ 1980ގެ އަހަރުތަކުގަ އެވެ.
ލެޑްގެ އިތުރުން އެ ޓެސްޓު ތަކުން ދެއްކި ގޮތުގައި މޮނޯސޯޑިއަމް ގުލޫޓެމޭޓު ކިޔާ ރަހަ ރަނގަޅު ކުރާ މާއްދާ އެއް ވެސް މެގީގައި ބޭނުން ކޮށްފައި ހުއްޓެވެ. ނެސްލޭ އިން ވަނީ އެ މާއްދާ ނޫޑުލްސް އަށް ނާޅާ ކަމަށް ބުނެފަ އެވެ. އަދި ނޫޑުލްސް ޕެކެޓުގެ ބޭރުގައި ވެސް އެ މާއްދާ ހިމެނޭކަމަށް ނެތެވެ.