ދިވެހި ފުލުހުން ބަދުނާމު ކުރުމުގެ ގޮތުން އެމްޑީޕީގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދޮގު ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށް ބުނެ ފުލުހުން އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ވިދާޅުވީ، ރޭ ފުލުހުންގެ ފަރާތުން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބައެއް ފުލުހުންގެ އަމަލުތަކާ ގުޅިގެން މުޅި ފުލުހުުންގެ މުއައްސަސާގެ ނަން ހަޑި ކުުރުމަށް ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނާއި މަޖިލިސް މެމްބަރުން މަސައްކަތް ކުުރަމުން ދާ ކަމަށެވެ. އެ އަމަލުތަކަކީ ތަކުރާރުކޮށް ކުރަމުންދާ ކަމެއް ކަމުގައި އެ ސިޓީގައި ވާކަމަށް އަނަސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ ރައްޔިތުން ކުރާ އިތުބާރު ކަނޑުވާލުމަށް ތިޔަ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނާއި މަޖިލިސް މެމްބަރުންގެ ފަރާތުން ހިންގާ ނޭދެވޭ އަމަލުތަށް ހުއްޓާލުމަށް ފުލުހުން އިލްތިމާސް ކުރައްވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައި،" އަނަސް ވިދާޅުވި އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެމްޑީޕީގެ ސްޕޯކްސްފާސަން އިމްތިޔާޒް ފަހުމީ ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްފާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން ދަނީ ރައްޔިތުންގެ އިތުބާރު ހޯދަމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ.

"ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވަނީ. އެކަމުވެސް އެ ސިޓީ ފޮނުވާފައިވަނީ ޒާތެއްގެ އިންޒާރެއްގެ ގޮތަކަށް ވަނީ،" އިމްތިޔާޒް ވިދާޅުވިއެވެ.

އެ ސިޓީގައި ބުނެފައިވަނީ ހިޔާލު ފާޅުނުކުރުމަށް ކަމަށް ދޭހަވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެފަދަ ސިޓީއެއް ފޮނުވުމުން ފުލުހުންނަށް އޮތް އިތުބާރު އިތުރަށް ކުޑަ ވެގެންދާ މަންޒަރު ފެންނަ ކަމަށެވެ.