މޮސްކޯ(ނޮވެމްބަރު 9): އީރާނުން ގަނެފައިވާ ރަޝިޔާގެ އެސް 300 މަރުކާގެ މިސައިލް ސިސްޓަމް އީރާނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފި އެވެ.

ރަޝިޔާގެ ހަތިޔާރުގެ އިންޑަސްޓްރީގެ އިސްވެރިއެއްކަމަށްވާ ސަރްގީ ޗެމީޒޯވް އާ ހަވާލާދީ ރަޝިޔާގެ އާރު.އައި.އޭ ނޫސްއެޖެންސީ ބުނާގޮތުން އީރާނާއި ރަޝިޔާގެ މަސްއޫލުވެރިން އިއްޔެވަނީ މިއެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ސޮއިކުރާތާ މަސްދުވަހުގެ ތެރޭގައި މި މިސައިލް ސިސްޓަމް އީރާނަށް ގެންގޮސް އެގައުމުގެ ސަރުކާރާ ރަސްމީކޮށް ހަވާލުކުރަންޖެހޭނެ ކަމަށް މިއެއްބަސްވުން ބުނެއެވެ.

އެސް 300 މަރުކާގެ މިސައިލް ސިސްޓަމަކީ ވަރަށް ވަރުގަދަ ދިފާޢީ ނިޒާމެކެވެ. މިއީ ހަނގުރާމައިގެ މަތިންދާބޯޓުތަކާއި ބެލަސްޓިކް މިސައިލާއި ކްރޫޒް މިސައިލްތައް ވަރަށް ފަސޭހައިން ވައްޓާލުމުގެ ޓެކްނޮލޮޖީ ލިބިފައިވާ މިސައިލް އައްޑަނައިގެ ސިސްޓަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިސިސްޓަމްގައި ބޭނުންކުރާ މިސައިލްތަކަކީ ވަރަށް ދުރުން މަތިންދާބޯޓުތަކާއި އެކިބާވަތުގެ މިސައިލާއި ރޮކެޓްތަކާއި މަތިންދާބޯޓުތައް ވައްޓާލެވޭ މިސައިލްތަކެކެވެ.

ހުޅަނގުގެ ދިފާއީ މާހިރުން ވިދާޅުވާގޮތުން މިއީ އެމެރިކާއިން މިހާތަނަށް އުފައްދާފައިވާ އެންމެ ވަރުގަދަ މިސައިލް އައްޑަނައިގެ ނިޒާމް ކަމަށްވާ ޕެޓްރޮއޮޓް މަރުކާގެ މިސައިލް ސިސްޓަމާ އެއްގޮތް އަދި އެއަށްވުރެވެސް ފެންވަރުމަތީ ސިސްޓަމެކެވެ. މިސިސްޓަމްގެ މިސައިލްތައް ދިފާޢީ ގޮތުން ބޭނުންކުރަނީ ވަރުގަދަ ރާޑަރު ސިސްޓަމަކާއެކުގައެވެ.

ރަޝިޔާގެ މި މިސައިލް ސިސްޓަމް އީރާނަށް ލިބުމަކީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ހިމާޔަތް ކުރުމަށް އެގައުމަށް ލިބިގެންދާނެ އާދަޔާ ޚިލާފު ބާރެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ރަޝިޔާއިން ކުރިންވަނީ އެސް 300 މަރުކާގެ މިސައިލް ސިސްޓަމް އީރާނަށް ވިއްކުމާ ދެކޮޅު ހަދާފައެވެ. ނަމަވެސް ދެގައުމުގެ ގުޅުންތަކަށް އައި ބަދަލުތަކާ އަދި ރަޝިޔާއާއި ހުޅަނގުގެ ގައުމުތަކުގެ ގުޅުންތައް ގޯސްވުމާއެކު މިއަހަރުގެ ކުރީކޮޅު ރަޝިޔާއިންވަނީ މިސިސްޓަމް އީރާނަށް ވިއްކުމުގެ އެއްބަސްވުމުގައި އީރާނާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރަޝިޔާއާއި އީރާން ސޮއިކުރުމުން އިސްރާއީލާއި އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަލާދިނުމުގެ ހަރުކަށި ވިސްނުން ގެންގުޅެނީ މިދެގައުމުންނެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށްފަހު އެމެރިކާވަނީ މިހަރުކަށި ވިސްނުމާ ދުރަށްގޮސްފައެވެ. އިސްރާއީލަށް އީރާނަށް ހަމަލާދޭން ނުކެރެނީ އީރާނުން ރައްދުގައި އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަލާތައް ދީފާނެކަމުގެ ބިރަށެވެ. އީރާނަކީ އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ބެލަސްޓިކް މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ.

މި މިސައިލް ސިސްޓަމް އީރާނަށް ވިއްކުމުގެ އެއްބަސްވުމުގައި ރަޝިޔާއާއި އީރާން ސޮއިކުރުމަށްފަހު އެސިސްޓަމް އީރާނާ ހަވާލުކުރުން ލަސްވީ މިސިސްޓަމް އުފައްދާ ރަޝިޔާގެ ކުންފުންޏަށް މިސިސްޓަމާއެކު ދޭ ރާޑަރުތަކާއި އެނޫންވެސް ހައިޓެކް އާލާތްތައް އުފައްދައި ނުނިމިގެންކަމަށްވެއެވެ. ނަމަވެސް މިހާރުވަނީ މިތަކެތި އުފައްދައި އަދި ޓެސްޓްވެސްކޮށްފައި ކަމަށް ރަޝިޔާގެ އާރު.އައި.އޭ ނޫސްއެޖެންސީ ބުނެއެވެ.(އާރުޓީ)