03 Apr 2011, 16:38
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު ގްރޫޕް މާރާމާރީއެއް ހިންގައިފި އެވެ.
ގްރޭޑް ހަތެއްގެ ކްލާސްތެރޭގައި ގްރޫޕް މާރާމާރީ ހިންގީ ހަތަރު ފަސްކުއްޖަކު ވެގެން ކަމަށް މާރާމާރީގައި އަނިޔާވި ގއ. ވިލިނގިލީ ކުރި ބޯށި މިސްއަލް ހަނީފުގެ ބައްޕަ މުޙައްމަދު ހަނީފު މިއަދު ސަން އަށް ކިޔައިދިނެވެ.
"ކްލާސްތެރޭގައި އެ ކުދިން ފުރަތަމަ އޭނާ އަށް އުނދަގޫ ކުރީ. ދެން އޭނާ ކްލާސްތެރޭގައި އޭރު ހުރި މިސް އަށް ގޮވާފައި އެ ވާހަކަ ބުނި. ދެ ފަހަރަށް ތިން ފަހަރަށް ބުނުމުން ވެސް މިސް އަޅައެއް ނުލި. ދެން އޭނާ ތަންކޮޅެއް ބާރަށް ގޮވާލުމުން މިސް އައިސް އޭނާ ގައިގާ ފޮތުން ޖެހީ." ކްލާސް ތެރޭގައި ހިނގި މާރާމާރީ ފެށުނު ގޮތް ކަމަށް މިސްއަލްއާ ހަވާލާދީ ހަނީފު ބުންޏެވެ.
ހަނީފު ބުނި ގޮތުގައި މިސްއަލްގެ ގަގައިގާ ކުލާހުގައި އެ ވަގުތު ހުރި ޓީޗަރު ޖެހިތަން ފެނުމުން އޭނާ އަށް އުނދަގޫކުރަމުން ދިޔަ ކުދިންނަށް ހިތްވަރު ލިބި ހުރިހާ ކުދިން އެއްފަހަރާ އޭނާ އަށް ހަމަލާދީ ފާރުގައި ބޯޖައްސައި ޑެސްކް ފަދަ ތަކެތިން ވެސް އޭނާގެ ގައިގާ ތަޅާފައިވެ އެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ އުމުރުން 13 އަހަރުގެ މިސްއަލް ހަނީފަށް ކްލާސްތެރޭގައި ކުރި އަނިޔާގެ ސަބަބުން އޭނާ ހޭނެތިގެން އެ ދުވަހުގެ ތިނެއްޖަހާ އެހާކަންހާއިރު ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދީގެން އޭނާ ހޭއެރީ ގާތްގަނޑަކަށް ފަހެއްޖަހާ އެހާކަންހާއިރު ކަމަށް މިސްއަލްގެ ބައްޕަ ބުންޏެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ގއ. އަތޮޅުތައުލީމީ މަރުކަޒުގެ އަދި ކްލާސް ޓީޗަރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަމުންދާ ކަން ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު އަޙުމަދު ޝިޔާމް ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.