21 Apr 2010, 12:02
14:30
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތަށް ހުރަސް އަޅާ ދައުލަތުގެ އިދާރާތަކާ މެދު ފިޔަވަޅުއެޅުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ނުވަތަ އޭސީސީން ބުނީ އެކޮމިޝަނުން ކުރަމުންދާ ތަހްގީގަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި، ބެލުމަށް ބޭނުންވެއްޖެނަމަ އެފަދަ ލިޔުންތައް ކޮމިޝަނަށް ގެނައުމާއި، އެފަދަ ލިޔުންތަކާއި ތަކެތި ހުރި ތަންތަނަށް ކޮމިޝަނުގެ މުވައްޒަފުން ގޮސް އެތަންތަނާއި އެތަންތަނުގެ ހުރި ލިޔެކިޔުންތައް، އެހެނިހެން ތަކެތި ބަލައި ތަހްގީގް ކުރުމާއި ބޭނުންވެއްޖެނަމަ އެތަކެތި އެކޮމިޝަނަށް ގެނައުމުގެ ބާރު އެކޮމިޝަނުގެ ގާނޫނުން ލިބިގެންވާ ކަމަށެވެ. އަދި ކޮމިޝަނަށް ހާޒިރުވުމަށް، މަޢުލޫމާތެއް ދިނުމަށް، ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތާ ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް ޢަމަލުކުރުމަކީ ލާޒިމު ކަމެއް ކަމަށް އޭސީސީގެ ގާނޫނުގައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
ދައުލަތުގެ އެއްވެސް އިދާރާއަކުން އެކޮމިޝަނަށް ބޭނުންވާ އެއްބާރުލުން ނުލިބޭނެނަމަ ގާނޫނުގައިވާ ގޮތުގެ މަތިން އެ އިދާރައަކާމެދު ފިޔަވަޅު އެޅުމަށް ނިންމާ އެކަން ސާރުކާރުގެ އިދާރާތަކަށާއި ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.