އާދިއްތަ ދުވަހު ރަޝިއާއިން ދިން ކަމަށް ބެލެވޭ ވައިގެ ހަމަލާތަކުގެ ސަބަބުން ސީރިޔާގެ އިދުލީބް ޕުރޮވިންސުގެ 11 މީހަކު މަރުވެއްޖެ އެވެ.

ސީރިޔާގެ މާރެތު އަލް ނޫމާން އާއި ސަރާގިބް އިން މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކާއި ދެ އަންހެނަކު ހިމެނޭ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވެ އެވެ.

ސީރިއަން އޮބްޒަވޭޓަރީން މިހާރު ދަނީ އެ ވައިގެ ހަމަލާދިން ފަރާތްތަކާއި، ހަމަލާ ދޭން ބޭނުން ކުރި މަތިންދާބޯޓުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިދްލީބް މިހާރު ކޮންޓުރޯލް ކުރަމުން ދަނީ އަލް ގައިދާ އާއި ގުޅުން އޮންނަ އެލައަންސް އެއް ކަމަށްވާ އާމީ އޮފް ކޮންކުއެސްޓު އިންނެވެ.

ރަޝިއާ އާއި ސީރިޔާގެ ސިފައިން ވަނީ މީގެ ކުރިން އެ އެލައަންސުގެ މެމްބަރުންނަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ.

ރަޝިއާއިން ސީރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ސީރިޔާގެ އަސްކަރިއްޔާ އިން ވެސް ވަނީ ހަމަލާދޭން ފަށާފަ އެވެ.

މައުލޫމާތު:އޭއެފްޕީ