ރިހެބިލިޓޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރާ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ 62 މެމްބަރުންގެ ވޯޓުން ނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއްނުވެ އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ.

އަލީ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، އެ ބިލަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގާއިމުކުރަންޖެހޭ އެކިއެކި މަރުކަޒުތައް ވަކިވަކިން ގާއިމުކުރުމުގެ ބަދަލުގައި އެކި ބާވަތުގެ ޚިދުމަތް އެއް ފުރާޅައެއްގެ ދަށުން ލިބޭނެ ފަދަގޮތަކަށް ޚިދުމަތްތައް ބައްޓަންކުރުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ހިންގޭ ފަރުވާދޭ މަރުކަޒުތައް ސަރުކާރުން ކަނޑައަޅާ އުސޫލުތަކާއި ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހިންގޭނެ ގޮތް މަގުފަހިކުރުން ކަމަށެވެ.

"މަސްތުވާތަކެތި ބޭނުންކުރާ މީހުން ސަރުކާރުގެ ހަރަދުގައި ދިވެހިރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވޭނެ އުސޫލުތައް ތައާރަފު ކުރުމަށާއި އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާފައިވާ ބިލެއް،" އަލީ މުހައްމަދު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ އިސްލާހު މަޖިލީހުން ފާސްވެ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން މަރުކަޒަކާއި ޑްރަގު ޓްރީޓުމަންޓު އެންޑު ރިހެބިލިޓޭޝަން މަރުކަޒަކާއި ކުޑަކުދިންނަށް ޚާއްސަ ޓްރީޓުމަންޓު އެންޑް ރިހެބިލިޓޭޝަން މަރުކަޒެއްގެ އިތުރުން އަންހެނުންނަށް ޚާއްސަ ޓްރީޓުމަންޓު އެންޑް ރިހެބިލިޓޭޝަން މަރުކަޒެއް ގާއިމުކުރަން ވާނެ ކަމަށެވެ.

ހަމައެއާއެކު ހާފުވޭ ހައުސްއެއް ވެސް ގާއިމުކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ އާއްމު ފަރާތްތަކަށް އެފަދަ މަރުކަޒުތައް ހިންގަން ހަވާލުކުރާއިރު އެފަދަ ތަންތަން ހިންގަން ހަވާލުކުރާނީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރެވޭ އާއްމު އިއުލާނެއްގެ ތެރެއިން ކަމަށެވެ.

އެ އިސްލާހު މަޖިލީހުން ފާސްވެ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ޑްރަގު އޮފެންޑާ ރިމާންޑު ސެންޓަރެއް އުފައްދަންވާނެ ކަމަށްވެސް އިސްލާހުގައި ވެއެވެ. އަދި އެ ސެންޓަރު ހިންގާނީ ސަރުކާރުން ކަމަށާއި އެހެން އެއްވެސް ފަރާތަކަށް އެ ސެންޓަރު ހިންގުން ހަވާލު ކުރެވިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.