ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރާ ކަންކަމުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހާސިލުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި އޮތް ގައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.

"...ދައުލަތުގެ ހިމާޔަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައި، މިހާރު އިޢުލާންކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކުރެވޭ ކަންކަމުން ޙާސިލުކުރަން ބޭނުންވާ ކަންކަން ޙާސިލުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ލިބިގެންނެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިހާރު ތަނަވަސްވެފައިވާ މުވާސަލާތީ ވަސީލަތްތަކުގެ ބޭނުންކޮށްގެން މަދު ބަޔަކު ނަމަވެސް ހަގީގަތާ ހިލާފު މައުލޫމާތާއި ހަބަރު ފަތުރަމުން ދާކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އެފަދަ ކަންތައްތަކުގެ ސަބަބުން މުޖުތަމައު އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

"...ވީމާ މިފަދަ ކަންކަމުން ބަރީއަވުން އެދި އިޚުލާޞްތެރިކަމާއެކު އިލްތިމާސްކުރާ ހާލު މިވާހަކަ ދަންނަވަމެވެ."

ރާއްޖޭގެ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ފަހަތްޕުޅުގައި ތިބުމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

"...މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދޭ ހުރިހާ ކަންތައްތަކުން ދުރުވެ ތިބުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. ދިވެހި ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއި އެކު އަދުގެ ރައީސް، ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ތިއްބެވުމަށް ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.