މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އިނާމު ތިން ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ތިން ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ތިން ބޭފުޅެއް ކަމަށެވެ.

އ ެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ.

"އިނާމަށް ބޭފުޅުން ހޮއްވެވިއިރު، ކޮމިޓީން ބައްދަލުކުރައްވައި މައުލޫމާތު ހޯއްދަވާފައިވަނީ، ފޯނު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކަނޑައެޅުއްވި މިންގަނޑުތަކެއްގެ ދަށުން ޕޮއިންޓް ދެއްވުމަށްފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީއަށް ފެނިވަޑައިގެންނެވި ބޭފުޅުންނާއެވެ. މީގެއިތުރުން، އިނާމަށް ނަން ހުށަހެޅުނު ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯއްދަވާފައިވެއެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.