09 Nov 2015, 14:49
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަދި މިސްރުގައި ނަންހިނގާ ނޫސްވެރިއެއް ކަމަށްވާ ހޫސަމް ބަގަތު މިސްރުގެ ޖާސޫސީ އަސްކަރިއްޔާ އިން އިއްޔެ ހައްޔަރު ކޮށްފި އެވެ.
އިޖިޕްޝަން އިނިޝިއޭޓިވް ފޯ ޕާސަނަލް ރައިޓްސް ކިޔާ މިސްރުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާގެ ބާނީ، ހޫސަމް ބަގަތު މިސްރުގެ އަސްކަރިއްޔާގެ ޖާސޫސީ އިދާރާއަށް ހާޒިރު ކުރުމަށްފަހު އޭނާގެ ވަކީލުންނާ ބައްދަލު ކުރެވިފައި ވަނީ ނުވަ ގަނޑި އިރުގެ ސުވާލު ކުރުންތަކަށް ފަހު އެވެ.
ބަގަތު އޭނާ މަސައްކަތްކުރާ ހަބަރު އޭޖެންސީއަށް ބުނި ގޮތުގައި އޭނާ އާ ސުވާލު ކޮށްފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހު އޭނާ ލިޔުނު އާޓިކަލް އަކާ ގުޅިގެންނެވެ. އޭނާ ބުނި ގޮތުގައި އެ އާޓިކަލް އަކީ މިސްރުގެ އަސްކަރިއްޔާގައި ބަޣާވާތް ކުރަން އުޅުނު ކަމަށް ބެލެވޭ ސިފައިންގެ 26 މީހެއްގެ މައްޗަށް ސިއްރު ހުކުމް ކުރުމާ ބެހޭ އާޓިކަލް އެކެވެ.
ބަގަތު ލަފާކުރާ ގޮތުގައި އޭނާގެ މައްޗަށް ކުރާނީ ގައުމަށް ގެއްލުން ހުރި ދޮގު ހަބަރާއި މައުލޫމާތު ފެތުރުމުގެ ދައުވާ އެވެ.
އާދިއްތަ ދުވަހުގެ ރޭ ބަގަތު ހުރީ އަސްކަރިއްޔާގެ ހައްޔަރުގައެވެ. އޭނާގެ ވަކީލުން ބުނި ގޮތުގައި އަސްކަރިއްޔާގެ ޕުރޮސެކިއުޓަރުން ބަގަތު ކޯޓަށް ގެންދިޔުމާ މެދު ގޮތެއް ނިންމާނީ މިއަދުގެ ވަގުތެއްގައެވެ.
ބަގަތު ހައްޔަރުކުރުމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް މިސްރުގެ ސަރުކާރަށް ގޮވާލާފައެވެ.
"މިސްރުގެ އަސްކަރިއްޔާ އިން ދެކިގެން ނުވާނެ އަސްކަރިއްޔާ އަކީ ފާޑުކިޔުންތަކާއި ގާނޫނުގެ މަތީގައި ތިބި ބައެއް ކަމަށް،" އެމްނެސްޓީގެ މެދު އިރުމައްޗާއި އުތުރު އެފްރިކާ ޕުރޮގްރާމްގެ ޑިރެކްޓަރު ފިލިޕް ލުތާ ބުންޏެވެ.
ފަހަކަށް އައިސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މިސްރުގެ އަސްކަރިއްޔާއިން ކުރާ އަމަލުތަކަށް ބައިނަލް އަގުވާމީ ދުނިޔެއިން ވަނީ ފާޑު ކިޔުންތައް އިތުރު ކޮށްފައެވެ.
މައުލޫމާތު:އަލް ޖަޒީރާ