ލ. އަތޮޅުގައި ކުށްކުރުން އިތުރުވަމުންދާތީ އެ އަތޮޅުގައި ފުލުހުން ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ލ. އަތޮޅުގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ކުށްކުރުން މަދުކޮށް، ރައްކާތެރި އަމާން ތަނަކަށް އެ އަތޮޅު ހެދުމަށާއި ތަފާތު އެކި ކުށްކުށުގެ ތުޙުމަތުގައި މުޖުތަމައުއަށް ދޫވެފައި ތިބި މީހުން ގިނަވަމުން އަންނާތީ، އެފަދަ މީހުން ހޯދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އެ ގޮތުން އެ އޮޕަރޭޝަނުގައި އެކިއެކި މައްސަލަތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުންގެ އަހަރީ ދުވަހު ހުޅުވި ގަން ޕޮލިސް ސްޓޭޝަނާ ގުޅިގެން ފޮނަދޫ ޕޮލިސް ސްޓޭޝަނުން ލ. އަތޮޅުގައި ކުރިއަށްގެންދާ ކުށް މަދުކުރުމުގެ އޮޕަރޭޝަން އިއްޔެ ހަވީރު ފަށާފައި ވަނީ ޓްރެފިކް އޮޕަރޭޝަނަކުން ނެވެ.

އެ އޮޕަރޭޝަނުގައި 154 ވެހިކަލެއް ޗެކްކޮށްފައިވާ އިރު، އެއްގަމުގެ އުޅަނދުފަހަރު ދުއްވުމުގެ ޤާނޫނާ ހިލާފަށް ދުވައްމުންދިޔަ 25 ފަރާތެއް ފާހަގަކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.